ރ. މީދޫގައި ތަރައްގީކުރުމަށް ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލު އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ. މި މަޝްރޫއަކީ އެ ރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.
މީދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވައި، އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ނަޒީމާއި، މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ޒާހިރު ބައިވެވަޑައިގަތެވެ.
މީދޫގައި މިހާރު ހިދުމަތް ދެމުންދަނީ ހެލްތު ސެންޓަރަކުންނެވެ. ނަމަވެސް، އެ ރަށުގައި ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް، މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.
އަލަށް އިމާރާތްކުރާ 30 އެނދުގެ މި ހޮސްޕިޓަލުގައި އެ ފަންތީގެ ހޮސްޕިޓަލަކުން ލިބެންޖެހޭ ހުރިހާ ހިދުމަތްތަކެއް އެންމެ އުސް ފެންވަރުގައި ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. މީގެ ތެރޭގައި ބަލިމީހުން ބަލާ ކޮޓަރިތަކާއި، އޮޕަރޭޝަން ތިއޭޓަރާއި، ވިއްސާ ކޮޓަރި ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ސިއްހީ ހިދުމަތް ރަނގަޅުކޮށް، މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމެވެ. މިގޮތުން ބައެއް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމާއި، ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ސިއްހީ ދާއިރާގައި ހުރި އުމްރާނީ މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 170 އަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއު ސަރުކާރުން ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ.

