މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މުސާރަ، މި ހިނގާ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފިއެވެ. މި ބަދަލަކީ ދައުލަތުގެ ނެޝަނަލް ޕޭ ފްރޭމްވޯކާ އެއްގޮތަށް، މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށް (ޕޭ ހާމަނައިޒޭޝަން) ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެކެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މުސާރައަށް މި ބަދަލު މި އައީ ގާތްގަނޑަކަށް 11 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އެ މުއައްސަސާގެ މުސާރައަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވަނީ 2015 ވަނަ އަހަރުގައެވެ. މިއީ އެ މުއައްސަސާގެ މުވައްޒަފުންނަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ މަސައްކަތް 2022 ވަނަ އަހަރު ފަށާފައިވާއިރު، މިހާތަނަށް ވަނީ ތައުލީމީ ދާއިރާ އާއި، ސިއްހީ ދާއިރާގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުސާރަވެސް ބޮޑުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ސިވިލް ސާވިސްގެ ބައެއް ދާއިރާތަކާއި ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގެ މުސާރައަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 17 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން، މުސާރަ ބޮޑުނުވެ ތިބި ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަނީ ބޮޑުވަމުންނެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރު ތެރޭގައި މުސާރަ ބޮޑުނުވާ ދައުލަތުގެ އެހެނިހެން ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރަ، މި އަހަރުގެ ތެރޭގައި ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. ސަރުކާރުގެ މި ނިންމުމަކީ ދިިރިއުޅުމުގެ ހަރަދުތަކާއިއެކަށީގެންވާ އާމްދަނީއެއް ހުރިހާ މުވައްޒަފުންނަށް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

