ދުނިޔޭގެ ބާޒާރުގައާއި ރާއްޖޭގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން، ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ޑްރައިވާސް އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ތެލުގެ އަގު އުފުލުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް އިގުތިސާދީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ޑްރައިވާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ތެލުގެ އަގާއި ދިރިއުޅުމުގެ އާންމު ހަރަދުތައް އުފުލެމުންދާއިރު، ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެކެވެ. “މި ހިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ލުއިފަސޭހަކޮށް ދިނުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ވޭތުވެދިޔަ ދިގު މާޒީގައި އަޅާފައެއް ނުވޭ” ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނީ ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެންކަމުން، މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި މިހާރު އެދިފައިވާނެ ކަމަށްވެސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ޓެކްސީ ޑްރައިވަރުން އަގުތައް މުރާޖައާކުރަން އެދެމުންދާއިރު، ސަރުކާރުން ދަނީ ޓެކްސީގެ ހިދުމަތް ހަރުދަނާކުރުމަށް އާ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސަރުކާރުން އިސްނަގައިގެން އުފައްދާ ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް އޮތް ފިތުރު އީދަށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭގައި ޓެކްސީގެ ހިދުމަތަކީ ޒަމާންވީ ހިދުމަތަކަށް ވީނަމަވެސް، ކަސްޓަމަރުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އަބަދުވެސް އާދެއެވެ. އޭގެ ތެރޭގައި ދަތުރުތައް ނުނެގުމާއި، ވަކި އުސޫލެއް ނެތި ހިދުމަތް މެދުކަނޑާލުން ފަދަ ކަންކަން ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ އާ ޓެކްސީ ލައިން މެދުވެރިކޮށް މިފަދަ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

