ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ “ދޮރުން ދޮރަށް” ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން މިއަދު މާލެ ސިޓީގެ މައްޗަންގޮޅީ އުތުރު ދާއިރާއަށް ވަޑައިގެންފިއެވެ.
މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައްޗަންގޮޅީ އުތުރު ދާއިރާގެ ގިނަ ގޭބީސީތަކަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހާލު ބައްލަވާލައްވާފައެވެ. އެގޮތުން ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ޒިޔާރަތްކުރައްވައި، އެތަނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން މަގުމަތިން ބައްދަލުވި ގިނަ ބަޔަކާ ސަލާމްކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ މެންބަރުން މި ހަރަކާތުގައި ބައިވެރިވިއެވެ.
ރައީސް ޑރ. މުޢިއްޒު މި ހަރަކާތް ފެއްޓެވީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ހުރިހާ ދާއިރާއެއްގެ ދޮރުން ދޮރަށް ހަރަކާތްތަކުގައި އެމަނިކުފާނު ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓު ހިމެނޭހެން މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

