ހުޅުމާލޭގެ ލޮޓް ނަންބަރު 11395 ގައި ހުރި އެޕާޓްމަންޓެއްގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ ތަނުގެ އެއް ކޮޓަރި އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އެޕާޓްމަންޓްގެ އެއް ކޮޓަރި އެއްކޮށް އަނދާފައިވާއިރު، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ މުދަލާއި ސާމާނު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ. މީގެ އިތުރުން، އެ ގޭގެ އެހެން ކޮޓަރިތަކަށާއި ސިޓިން ރޫމަށް ވެސް އަލިފާނުގެ އަސަރާއި ކަޅު ދުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭ އިން ވަނީ ފަށާފަ އެވެ. އެގޮތުން، އެ ގޭގައި ދިރިއުޅެމުން ދިޔަ ހަތް މީހަކަށް ކުރިއަށް އޮތް ފަސް ދުވަހަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިމުގެ އިތުރުން އަންނައުނު އެ އޮތޯރިޓީން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.
މިއަދު ހަވީރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، އަލިފާން ރޯވާން ދިމާވި ސަބަބު އަދި މިހާތަނަށް ސާފުވެފައި ނުވާތީ، އެކަން އިތުރަށް ތަހުގީގު ކުރަމުންދާނެ ކަމަށް ބެލެވެ އެވެ.

