ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ކުރިއަށްގެންދިޔަ ތިނަދޫ ސިޓީގެ ދޮރުން ދޮރަށް ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ބައިވެރިވެވަޑައިގެންފި އެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދިޔަ ތިނަދޫ ސިޓީގެ އެކި ގެތަކަށް ނައިބު ރައީސް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި، އިންތިޚާބާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ނައިބު ރައީސްގެ އަރިހުގައި ތިނަދޫ ސިޓީ އަށް ނިސްބަތްވާ ކޮންގްރެސް ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެ ޕާޓީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށާއި ކައުންސިލުގެ މެންބަރުކަމަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންފަައިވެއެވެ.
ކޮންގްރެސް ޕާޓީން އަންނަނީ ހަތަރެއް އޭޕްރީލުގައި ބާއްވަން ތާވަލުކޮށްފައި އޮތް އިންތިހާބަަށް ތައްޔާރުވުމުގެ ގޮތުން، މާލެއާއި ސިޓީތަކާއި ހުރިހާ ރަށްރަށެއްގައި ގިނަ ހަރަކާތްތަކެއް ފޯރީގައި ހިންގަމުންނެވެ. އެގޮތުން މާލޭގެ ދާއިރާތަކާއި އެހެނިހެން ސިޓީތަކާއި ރަށްރަށުގައި އެ ޕާޓީގެ ޖަގަހަތައް ގާއިމުކޮށް އެތަންތަނުގައި ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

