ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އިދިކޮޅު އަދާލަތު ޕާޓީ (އޭޕީ) އިން ތާއީދުކޮށްފިއެވެ. މި ބަދަލަކީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމަށް ހުށަހެޅިފައިވާ ކަމެކެވެ.
ދެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް، ގާނޫނުއަސާސީއަށް މިފަދަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށްވާތީ، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ އެ ބިލް ތަސްދީގުކުރެއްވުމާމެދު، ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކޮށް، "ފެންނަކަމަށް، ވޯޓު ދެއްވުމަށް ތާއީދުކުރުމަށް" އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
މި ބަދަލަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކުގެ އަދަދު އިތުރުވަމުންދާއިރު، މީގެ ކުރިން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
ސަރުކާރުން ބުނަމުންދަނީ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ ކުޑަވެ، އިންތިހާބުތަކަށް ހޭދަވާ ވަގުތާއި ވަސީލަތްތައް ސަލާމަތްކުރެވޭނެ ކަމަށެވެ. އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކީ މި އިސްލާހު އަމަލީ ގޮތުން ތަންފީޒު ކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

