ފިޠުރު ޒަކާތް ނުދައްކާނަމަ ރަމަޟާން މަހުގެ އަޖުރާ ސަވާބު މަޑުޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިސްނަގައިގެން ރޭ ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި “ފިޠުރު ޒަކާތުގެ މުހިންމުކަން” މި މަޢުޟޫއަށް ބޭއްވި މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ރަމަޟާން މަހަކީ ވަރަށް މާތް މައްސަރެއް ކަމަށާއި، މި މަހުގެ ތެރޭގައި ކުރާ އަޅުކަންތަކާއި އީމާންކަން އިތުރުވެގެންދާ ކަމަށެވެ. ނަމަވެސް ރަމަޟާން މަހުގެ އަޅުކަންތަކުގެ ފުރިހަމަ އަޖުރާއި ސަވާބު ލިބުމުގައި ފިޠުރު ޒަކާތަކީ ކޮންމެހެން އަދާކުރަންޖެހޭ ވާޖިބެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފިޠުރު ޒަކާތުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޒަކާތް ދެއްކުމަކީ އަންހެނަކަސް ފިރިހެނަކަސް، އަދި ކުޑަކުއްޖަކަސް ބޮޑު މީހަކަސް ކުރަންޖެހޭ ކަމެއް ކަމަށެވެ. “ދުނިޔޭގައި އެންމެ ދުވަހަކު ހުންނަ ކުއްޖާއަށްވެސް ފިޠުރު ޒަކާތް ވާޖިބުވޭ. އެކަމުގެ ޝަރުޠަކީ ރަމަޟާން މަހުން ބައެއްގައި ދުނިޔޭގައި ހުރެ ހަމަ އެހެންމެ ޝައްވާލު މަހުން ބައެއްގައި ދުނިޔޭގައި ހުރުން،” ރައީސް މައުމޫން ވިދާޅުވިއެވެ.
ޒަކާތް ދައްކަންޖެހޭ ވަގުތާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، ޢީދު ނަމާދުގެ ކުރިން ޒަކާތް ދައްކަން ޖެހޭނެ ކަމަށާއި، ޢީދު ނަމާދުގެ ފަހުން ދައްކާ އެއްޗެއް ޒަކާތުގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ. އެއީ އާދައިގެ ސަދަޤާތަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި، އެމީހެއްގެ މައްޗަށް ޚަރަދު ބަރަދު ލާޒިމުވާ އެންމެންގެ ފަރާތުން ޒަކާތް ދެއްކުމަށް އަވަސްވެގަތުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ޒަކާތް ދައްކާ ތަކެއްޗާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ގޮވާމުގެ ބާވަތްތަކުން ނުވަތަ އޭގެ އަގަށްވާ ފައިސާއިންވެސް ޒަކާތް ދެއްކިދާނެ ކަމަށެވެ. މިހާރުގެ ޙާލަތަށް ބަލާއިރު ފައިސާއިން ޒަކާތް ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާ ކަމަށާއި، އޭގެ ސަބަބުން ޒަކާތް ލިބޭ މީހާއަށް އޭނާ ބޭނުންވާ ކަންކަން ފަސޭހައިން ފުއްދައިލެވޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

