ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ “ދޮރުން ދޮރަށް” ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން މިއަދު މާލެ ސިޓީގެ މައްޗަންގޮޅީ މެދު ދާއިރާގެ ގޭބީސީތަކަށް ޒިޔާރަތްކުރައްވައިފިއެވެ.
މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައްޗަންގޮޅީ މެދު ދާއިރާގެ ގިނަ އަދަދެއްގެ ގޭބީސީތަކަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައިފައެވެ. މި ޒިޔާރަތްތަކުގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، މަގުމަތިން ބައްދަލުވި ގިނަ ރައްޔިތުންނާ ސަލާމްކުރައްވައި ވާހަކަދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ހަރަކާތުގައި މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ މެންބަރުން މި ހަރަކާތުގައި ބައިވެރިވިއެވެ.
ރައީސް މުޢިއްޒު މި ހަރަކާތް ފެއްޓެވީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މާލެ ސަރަޙައްދުގެ ހުރިހާ ދާއިރާއެއްގެ ދޮރުން ދޮރަށް ހަރަކާތްތަކުގައި އެމަނިކުފާނު ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓު ހިމެނޭހެން މި ތިން ވޯޓުލުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

