ބައިނަލްއަގްވާމީ ތިން އެއާލައިނަކުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުތައް އިތުރުކުރަން ނިންމާފައިވަނީ ސްވިޒަލެންޑުގެ އެޑެލްވިއެސް އެއާ، އެއާ އިންޑިއާ އަދި ރަޝިއާގެ އެއިރޯފްލޮޓް އިންނެވެ.
ސްވިޒަލެންޑުގެ އެޑެލްވިއެސް އެއާއިން ނިންމާފައިވަނީ ކުރިއަށް އޮތް އޭޕްރީލް އަދި މެއި މަހު ޒިއުރިކާއި މާލެއާ ދެމެދު ކުރާ ދަތުރުތައް ހަފްތާއަކު ހަތަރު ފްލައިޓުން ފަސް ފްލައިޓަށް އިތުރުކުރުމަށެވެ. އެ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި، މިއީ މެދުއިރުމަތީގެ މަގުތަކުގެ ބަދަލުގައި ސީދާ ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ ފަތުރުވެރިންގެ ޑިމާންޑް އިތުރުވުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ވެސް ވަނީ ރާއްޖެ ހިމެނޭހެން ބައިނަލްއަގްވާމީ ނުވަ މަންޒިލަކަށް އިތުރު 78 ފްލައިޓް ބޭއްވުމަށް ނިންމާފައެވެ. މީގެ އިތުރުން ރަޝިއާގެ އެއިރޯފްލޮޓުން ވެސް ދަނީ މޮސްކޯއިން މާލެ، ބެންކޮކް، ޕުކެޓް އަދި ކޮލަމްބޯ ފަދަ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ.
އެއިރޯފްލޮޓުން ބުނި ގޮތުގައި “މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ގިނަ އަދަދެއްގެ ދަތުރުތައް ކެންސަލްވަމުންދާތީ، ދަތުރުވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ މި ދަތުރުތައް އިތުރުކުރުމުގެ މައިގަނޑު މަގްސަދެވެ.”
މި ބަދަލުތަކާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.

