ގދ. ތިނަދޫ ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޑްރޭގް ރޭސިންގ ޓްރެކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރުމަށްޓަކައި އެ ސިޓީގެ ރޭސިންގ ކޮމިއުނިޓީއާއެކު ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ރައުހަތު ޤުދުރަތުﷲ ވިދާޅުވީ، ތިނަދޫ ސިޓީގައި އެޅުމަށް ނިންމާފައިވާ މި ރޭސިންގ ޓްރެކަކީ ސީދާ އެ ސިޓީގެ ރޭސިންގ ކޮމިއުނިޓީގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން ކުރިއަށްދާ މަޝްރޫޢެއް ކަމަށެވެ. މި ބައްދަލުވުމުގައި ޓްރެކްގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ކުރިއަށް ހުރި ކަންކަމުގެ ތަފްޞީލު ޒުވާނުންނަށް ވަނީ ދީފައެވެ.
ރައުހަތުގެ ފޭސްބުކް ޕޯސްޓްގައި ވަނީ ތިނަދޫގެ ރޭސިންގ ކޮމިއުނިޓީން މި މަޝްރޫޢަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ޒުވާނުންނާ ގުޅިގެން، ޒުވާނުން އެދޭ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ފަހިކޮށްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތިނަދޫގައި ރޭސިންގ ޓްރެކެއް އެޅުމަކީ އެ ސިޓީގެ ގިނަ ޒުވާނުންތަކެއްގެ ބޮޑު އުންމީދަކަށް ވާއިރު، މި މަޝްރޫޢުގެ ސަބަބުން ރޭސިންގއަށް ޝައުޤުވެރިވާ ޒުވާނުންނަށް ރައްކާތެރި މާޙައުލެއްގައި އެ ކުޅިވަރު ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

