ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހަނދާ ބެހޭ ބަޔާނެއް އިއްވެވި އަންހެން ބޭފުޅަކަށް އުސްތާޛާ ޙައްވާ ލަތީފް ވެވަޑައިގެންފިއެވެ. މި ތާރީޚީ ބަޔާން އެކަމަނާ އިއްވެވީ މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާ ގުޅޭގޮތުން ފަލަކީ ކޮމެޓީން ބޭއްވި ބައްދަލުވުމަށް ފަހުގައެވެ.
އުސްތާޛާ ޙައްވާ ލަތީފަކީ މިހާރު އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ، ދީނީ ގޮތުންނާއި އިލްމީ ގޮތުން ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ. ރާއްޖޭގައި އާންމުކޮށް ހަނދާ ބެހޭ ބަޔާންތައް އިއްވަވަނީ ފިރިހެން ބޭފުޅުން ކަމަށްވާއިރު، މިއީ މިފަދަ ބަޔާނެއް އަންހެން ބޭފުޅަކު އިއްވެވި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ވެސް އުސްތާޛާ ޙައްވާ ލަތީފް ވަނީ ދީނީ ދާއިރާއިން ފާހަގަކޮށްލެވޭ އެހެން ތާރީޚީ ޝަރަފެއް ވެސް ހޯއްދަވާފައެވެ. އެގޮތުން ރާއްޖޭގައި ހުކުރު ޚުތުބާއެއް ލިޔުއްވި ފުރަތަމަ އަންހެން އިލްމުވެރިއަކީ ވެސް އެކަމަނާއެވެ. 2024 ވަނަ އަހަރުގެ އޮގަސްޓް ނުވަވަނަ ދުވަހު މިސްކިތްތަކުގައި ކިޔާފައިވާ ޚުތުބާއަކީ އެކަމަނާ ލިޔުއްވި ޚުތުބާއެކެވެ.
މި ނިންމުމަކީ ރާއްޖޭގެ ދީނީ ކަންކަމުގެ ތެރޭގައި އަންހެން އިލްމުވެރިންގެ ދައުރު ފުޅާވަމުންދާކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

