މި އަހަރުގެ ފިޠުރު ޢީދު ނަމާދާ ގުޅިގެން، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. ފުލުހުން ބުނީ މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުތަކަށެވެ. މި ސަރަޙައްދުތަކުގެ ތެރެއިން ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި ހުރި އުޅަނދުތައް، މާދަމާގެ 15:00 ގެ ކުރިން އެ ސަރަޙައްދުތަކުން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޢީދު ނަމާދުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި އެޅި މި ފިޔަވަޅުތަކާ ގުޅިގެން ފުލުހުން ބުނީ، “މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ” ކަމަށެވެ. އަދި މި އިންތިޒާމުތަކުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މައާފަށް އެދިފައެވެ.
މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމްއާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައި ޢީދު ނަމާދު ކުރާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، ބޮޑު ޖަމާޢަތްތަކުގެ އިތުރުން މާލެ ސަރަޙައްދުގެ ޖުމްލަ 24 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

