ދަންވަރުގެ ވަގުތެވެ. ހަމަހިމޭންކަމުން މުޅި މަގު ހީވަނީ ނިދާފައި ވާހެންނެވެ. އެއްވެސް ކަހަލަ އަޑެއްބަޑެއް ނީވެއެވެ. މިހާ ހަމަހިމޭން ޝަބުނަމުގެ ފިނިކަަން ހިތަށް ލިއްބައިދޭ ވަގުތުގެ ހަމަހިމޭންކަން ކަނޑުވައިލީ ސައިކަލުތަކުގައި ބުރުޖަހަން ނުކުތް ލަޔާލާއި އޭނާގެ ގުރޫޕު ކުދިންނެވެ. ބ. ތުޅާދުއަށް އުފަން އުމުރުން 19 އަހަރުގެ ލަޔާލަކީ ކުޑައިރުއްސުރެ ރަށުގައި ދިރިއުޅެމުން އަންނަ ކުއްޖެކެވެ. ދޭތެރެ ދޭތެރެއިން މާލެ ދިޔަކަމުގައިވިޔަސް ދާއިމީކޮށް މާލެ ބަދަލުވާން އޭނާގެ ހިތެއް ނުރުހެއެވެ.
ދަންވަރު ވަގުތު ސައިކަލުތަކުގައި ބުރުޖެހުމަކީ ލަޔާލްމެންގެ އާދައެކެވެ. އެތައް ވަގުތަކު ސައިކަލު ބުރުޖެހުމުގައި އުޅުމަށްފަހު ލަޔާލް ގެއަށްއައީ އެރޭ ދަންވަރު ތިނެއް ޖަހަން އުޅެނިކޮށެވެ. އެ ވަގުތަކީ އެންމެން ނިދާފައި ތިބޭ ވަގުތެއްކަމުން ގޭތެރެ ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. ލަޔާލްގެ ޢާއިލާ އެންމެންވެސް ތިބެނީ އެއްގެއަކުއެވެ. މާމަ،ކާފަ އަދި ދައްތަމެންނާވެސް އެކުއެވެ. ފޫހިފިލުވާލުމަށް މިވަގުތު ކުރާނެކަމެއް ނެތުމުން ލަޔާލް އޮށޯވެ ނިދީއެވެ.
އާދުވަހަކަށް އިރު އޭގެ ވާޖިބު އަދާކޮށްފިއެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. މުސްލިމުންގެ ޢީދު ދުވަސް ކަމަށްވާ ހުކުރު ދުވަހެވެ. މި މާތް ދުވަހުގެ ޝަރަފު ލިބިގަތުމަށްޓަކައި އަވަހަށް މިސްކިތަށް ދާން ޖެހެއެވެ. ނަމަވެސް ލަޔާލަކީ ބަރާބަރަށް ފަރުޟު ފަސް ނަމާދު ކޮށްއުޅޭ ކުއްޖެއް ނޫނެވެ.
ގަދަ ނިދީގައި އޮތް ލަޔާލަށްހޭލެވުނީ ރަށްޓެއްސެއްގެ ފޯނު ކޯލަށެވެ. ދެ ލޯ އުނގުޅާލައިފާ ފޯނަށް ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ބަކުރު އޭނާއަށް އެ ގުޅަނީ ދަތުރު ދާންވެގެން ކަމަށް ވެސް ވެދާނެއެވެ. ފުންމައިގެން ތެދުވެ ފޯނު ނެގިއެވެ. "އޭ ލަޔާލް މަ ބުނީ މިއަދު ދަތުރު ކެންސަލް އިނގޭ" ބަކުރު އެހެން ބުނެލީ މާޔޫސް ކަމާއެކުގައެވެ. "އެއީ"؟ ލަޔާލް ސުވާލު އުފެއްދިއެވެ. "އަސްލުވެސް ބުރޯ،ވަރަށް ބޮޑު ކަމެއް ދިމާވެގެން މިއުޅެނީ" ބަކުރު އެހެން ބުނިއިރު އަޑުގައި ހާސްވުމެއްގެ އަސަރު ހުއްޓެވެ. "ބުނެބަލަ،ކިހިނެއްތަވީ"؟ ލަޔާލް ބޭނުންވީ ސަބަބު އޮޅުންފިލުވާށެވެ. "އިސްމާއިލުބޭގެ ދަރިފުޅު މަރުވެގެން މިއުޅެނީ. ހެސްކިޔާފަ ބަލިކޮށް އުޅެފަ އެ މަރު ވީވެސް. އެއީ އަހަރެންގެ ކަޒިންނެއް. ވަރަށް ބޮޑަށްސޮރީ." ބަކުރު ހިތާމަޔާއެކު ފޯނު ބޭއްވިއެވެ. "މިޝަން ފްލޮޕް." ލަޔާލް ފޯނު ބޭއްވުމަށްފަހު އެނދާދިމާއަށް ފޯނު ހޫރާލިއެވެ. ލަޔާލްމެން އުޅުނީ މިއަދު ހުކުރު އަޅާފައި ދަތުރުދާށެވެ.
ސިމާން މަރުވި ވާހަކަ ރަށުތެރޭގައިވެސް މިހާރު އާންމު ވެއްޖެއެވެ. ގޯނިން ބުޅާތައް ދޫކޮށްލީމާ ފެތުރިގަންނާނެތާއެވެ. ގިނަ މީހުން މި މަރު ދެކެނީ ކުއްލި މަރެއްގެ ގޮތުގައެވެ. ލަޔާލްގެ މަންމަ އަޒީމާ ލަޔާލަށް ނުހަނު ލޯބިން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ދިޔައެވެ. އަޒީމާ އޭނާއަށް އެހާގިނަ ނަސޭހަތް ދޭއިރުވެސް ލަޔާލް އިސްލާހު ނުވަނީ ކީއްވެގެން ބާވައެވެ.؟ އެހާ ޒުވާން އުމުރެއްގައި މީހެއް މަރުވުމުން އެންމެނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.
އޭގެ ތިން އަހަރު ފަހެވެ………… މިހާރު ލަޔާލް ދިރިއުޅެމުން ގެންދަނީ މާލޭގައެވެ. މާލެދާން މަޖުބޫރުވެގެން ދިޔައީއެވެ.
މިޖެހުނީ އެއްކަލަ ވަގުތާއެވެ. ކޮންމެ އަހަރަކުވެސް ލަޔާލްގެ މަންމަ އައު އަހަރަކަށް އިސްލާޙުވުމަށް ނަސޭޙަތްތެރިވެއެވެ. މިއަހަރުވެސް އަޒީމާ ލަޔާލަށް ގިނަގުނަ ނަސޭހަތްދިނެވެ. ލަޔާލް ގެއިން ނިކުމެގެން ދިޔައީ ޢިޝާ ނަމާދުގެ ބަންގީގެ އަޑަށެވެ. ދެކޮޅު ބަލައިލާފައި އޭނާ މިސްރާބުޖެހީ ބަނދަރުމައްޗަށް ދިއުމަށެވެ. މަޑުމަޑުން ހިނގަމުންގޮސް މިސްކިތާ އަރާހަމަވެފައި، މިސްކިތް ހުރަސްކޮށް ދިޔުމަށް އޭނާ ފަސްޖެހުނެވެ. މީގެ ކުޑަވަގުތުކޮޅެއް ކުރިން މަންމަ އޭނާއަށްދިން ނަސޭހަތްތައް ހަނދާނަށް އައެވެ. އެއާއެކު އޭނާ މިސްކިތަށް ވަނެވެ.
މިއިން ދުވަހަކު މިސްކިތަށްއެރި ހަނދާނެއްވެސް ނެތެވެ. މިހާ ދުވަސްކޮށްފައި މިސްކިތަށް ދެވުނީތީ ލަޔާލް ވަރަށް ލަދުވެސްގަތެވެ. ކޮންމެއަކަސް ވުޟޫކޮށްލައިގެން ޢިޝާނަމާދު ކުރަން މިސްކިތަށް އެރިއެވެ. އިމާމުގެ ފަހަތުގައި ޖަމާޢަތުގައި ޢިޝާ ނަމާދު ކުރެވުމުން ހަށިގަނޑަށް ވަރުޖެހި މީހާއަށް މުޅިން އެހެން ކަހަލަ އިޙްސާސެއް ކުރެވެންފެށިއެވެ. އިރުތަކެއްފަހުން، ލަޔާލް ތެދުވެ ގެއަށްދާން ހިނގައިގަތެވެ. އޭރު މިސްކިތުގައިވަނީ ދަރުހެއްދޭން ފަށައިފައެވެ. ނަމަވެސް ދަރުހުގެ މައުޟޫޢު އަޑުއިވިފައި އޭނާ މިސްކިތުގައި މަޑުކޮށްލިއެވެ. "މަރު" މި މައުޟޫޢަށް ޢިލްމުވެރިޔާ ވާހަކަ ދައްކަން ފެށިއެވެ. މަރަކީ ކޮބައިކަމާއި، މަރުވުމަށްފަހު އިންސާނާ ކަޑައްތުކުރަންޖެހޭ ބައިވަރު ކަންތައްތަކެއް ހުންނަކަމާއި، ދުނިޔެމަތީގައި މަރަށް ތައްޔާރުވާންޖެހޭ ކަމަށް ވިދާޅުވެ ޢިލްމުވެރިޔާ ވާހަކަ ދައްކަމުން ޒުވާނެއްގެ ވާހަކައިން މިސާލުޖަހަން ފެށިއެވެ. ލަޔާލް ގެއަށް ނައިސް ލަސްވާތީ މަންމަ ފޯނަށް ގުޅަމުންދިޔައެވެ. ލަޔާލް ފޯނު ސައިލެންޓަށް ލުމަށްފަހު ދަރުހުގެ ވާހަކަތައް އަޑުއަހަމުން ގެންދިޔައެވެ.
ޢިލްމުވެރިޔާގެ ވާހަކައިގެ ޒުވާނަކީ ވަރަށް ވިޔާނުދާކޮށް ދުނިޔޭގައި އުޅުނު މީހެކެވެ. ދީނުގެ އެއްވެސް ކަމަކަށް ސަމާލުކަންނުދީ އެ ޒުވާނާ މުޅީންވެސް ދިޔައީ އޭނާގެ ހަށިގަނޑު ދުނިޔޭގެ ދަޅަތަކަށް ނީލަން ކިޔަމުންނެވެ. މައިންބަފައިންގެ ނަސޭހަތަށް ޖޯކުޖަހައި އެޒުވާނާ ދިޔައީ އޭނާގެ މޮޅުކަން ދައްކަމުންނެވެ. އެ ޒުވާނާއަކީ މީގެ ހަތަރު އަހަރު ކުރިން މާލޭގައި "ގައްޑާ" ދައްކާފައިވާ އުޅުނު މީހެއްކަން ޢިލްމުވެރިޔާ ކިޔައިދެމުން ބުންޏެވެ.
ލަޔާލް ފެންކަޅިވިއެވެ. އިޚްތިޔާރަކާ ނުލައި މޫނުމަތީ އަތް އަޅާލެވުނެވެ. އޭނާއަށް މި އުޅެވެނީ ރަނގަޅަށް ނޫންކަމާއި އިސްލާޙުވާންވީ ވަގުތު ޖެހިއްޖެކަން ހިތަށް އަރަން ފެށިއެވެ. އަދި ޢިލްމުވެރިޔާގެ ވާހަކައިން އެ ޒުވާނާއަށް އިސްލާމްދީނަށް ލޯބިޖެހުނު ގޮތް ކިޔައިދޭން ފެށިއެވެ. ރޯދަމަހުގެ އެއްދުވަހެއްގައި ޒުވާނާ މަންމަގާތުގައި ބޮލަށްތަދުވާތީ ކަންބޮޑުވާ ވާހަކަ ދެއްކިއެވެ. މަންމަ އެ ޒުވާނާއަށް ވަރަށް ނަސޭހަތް ދިންކަމަށް ޢިލްމުވެރިޔާ ބުންޏެވެ. މަންމަ ދިން ނަސޭހަތްތަކަށް ވަރަށް ވިސްނައި އެ ޒުވާނާގެ އުޅުން އިސްލާހު ކުރުމަށް އަޒުމް ކަނޑައެޅިއެވެ.
އެ ރެއަށްފަހު ޒުވާނާ ﷲއަށް ފުރިހަމަ ތައުބާއަކުން ތައުބާވެ އޭނާގެ ދިރިއުޅުން ބަދަލުކުރިއެވެ. ނަމާދަކީ އަޅާއާއި ﷲއާއި ދެމެދު ބައްދަލުވެވޭ މާތްގުޅުމެއް ކަމަށާއި ޤުރްއާނަކީ ހިތުގެ ވިންދެއްކަމަށް ހަދައި އޭނާ ދިޔައީ ﷲ ހަނދުމަކުރުމުގައި ވަގުތުތައް ގުނަމުންކަން ޢިލްމުވެރިޔާ ކިޔައިދިނެވެ. ލަޔާލަށް އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ލޮލުތެރޭގައި ޖަމާވަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި ދިޔައީ ކޯތާފަތްމަތީން އޮހޮރެމުންނެވެ. ޢިލްމު ވެރިޔާގެ ވާހަކައިގައި އެ އުޅޭ ޒުވާނަކީ ލަޔާލް ކަމުގައި އޭނާއަށް ސިފަވެ ކުލަޖެހެމުން ދިޔައެވެ. މުޅިގައިން ހީބިހި ނަގައި އޭނާ ވަނީ ބިރުން ސިހިފައެވެ.
ޢިލްމުވެރިޔާގެ ވާހަކަ ނިންމައިލަމުން ޒުވާނާއަށް ދެން ވީގޮތް ކިޔައިދޭން ފެށިއެވެ. ދެ ހަފުތާވެސް ނުވަނީސް ޒުވާނާ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އީމާންތެރިކަމާއެކީގައި އޭނާއަށް ޝިފާދެއްވުމަށްއެދި ﷲގެ ޙަޟްރަތުގައި ދުޢާ ކުރުންމަތީ ޒުވާނާ ދެމިހުއްޓެވެ. ބަލިބޮޑުވެ ޒުވާނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަށް ކެތްނުކުރެވި ޒުވާނާ މި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. އިންނާލިﷲ ވައިންނާ ޢިލައިހި ރާޖިޢޫން. ޢިލްމުވެރިޔާ ރޮމުން ކިޔައިދިނެވެ. ކޮންމެ މީހަކަށްވެސް ތައުބާވުމުގެ ފުރުޞަތު އެބައޮތްކަމާއި އިސްލާޙުވެ މަރަށް ތައްޔާރުވުމަށް ގޮވައިލާ ޢިލްމުވެރިޔާ ދެމުންދިޔަ ދަރުސް ނިންމައި، ލިއެވެ.
"މަރު" ލަޔާލާ ބައްދަލުކުރާ ކަހަލައެވެ. ވަގުތުން އޭނާ ﷲއަށް ސަޖިދަޖަހައި ފުރިހަމަ ތައުބާއަކުން ތައުބާވިއެވެ. އޭނާގެ ބޮލުގައި އެނބުރެމުންދިޔަ ޚިޔާލުތައް މާޒީގެ ފަސްމަންޒަރަށް ދަތުރުކުރަން ފަށައިފިއެވެ. ޢިލްމުވެރިޔާގެ ވާހަކައިން އެބުނާ ޒުވާނާގެ ޙަޔާތަކީވެސް ހަމަ އޭނާގެވެސް ޙަޔާތެވެ. ސީދާ ޔަޤީން ނުވިއެއް ކަމަކު ވިސްނުން ތިން އަހަރު ފަހަތައް ޖެހިލިއެވެ. ވިސްނާވިސްނާ އެއްގޮތަކަށްވެސް ނޭނގުމުން ޢިލްމުވެރިޔާގެ ގާތުގައި އެހިއެވެ. ޖަވާބުގައި ޢިލްމުވެރިޔާ އެއީ ސިމާން ކަމަށް ބުންޏެވެ.
ކިޔުންތެރިންނޭވެ! މީގެ ތިން އަހަރު ފަހަތަށް ޖެހި ފީނާލަމާތޯއެވެ. ދަތުރުދާން ހަމަޖެހުނު ދުވަހުގައި ހިނގައިދިޔަ ހާދިސާއަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ އެ ދުވަހު ބަކުރު ގުޅައި އޭނާގެ ކަޒިންއެއް މަރުވެގެން ދަތުރު ކެންސަލްކޮށް، އެ ވާހަކަ ބުނި ހަނދާން ވޭހެއްޔެވެ؟ ބަކުރު ބޭބެގެ ދަރިފުޅު ސިމާން ވަރަށް ބަލިކޮށް އުޅެފައި މަރުވި ވާހަކަ ބަކުރު ލަޔާލް ގާތުގައި ނުބުނޭ ހެއްޔެވެ؟ މިރޭގެ ދަރުހުގައި ވާހަކަ ދައްކަމުން މިސާލު ޖެއްސި އެ ޒުވާނާއަކީ އެ ދުވަހު މަރުވެގެން އުޅުނު ސިމާނެވެ. ސުބްޙާނަﷲ!
ދުނިޔެއަކީ އެއްވެސް އަގެއްނެތް ތަނެއްކަން ލަޔާލަށް އިޙްސާސް ކުރެވިއްޖެއެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ނަމާދު އިސްކޮށް ދިރިއުޅުން ރަނގަޅުކުރުމަށް ޤަސްތުކޮށް ލަޔާލް މިސްކިތުން ފައިބައިގެން ގެއަށް ދިޔުމަށް ހިނގައިގަތީ ސިމާން ކަހަލަ މީހަކަށް ވުމަށްޓަކައި ހިތުގައި ޢަޒުމް ކަނޑައަޅައިގެންނެވެ. ތެދެކެވެ. މަރުވުމަކީ ކޮންމެ ވަގުތެއްގައިވެސް ވެދާނެކަމެކެވެ. އެ "އެނިމުން" ކޮންމެ ވަގުތެއްގައިވެސް އަތުވެދާނެއެވެ.
= ލިޔުންތެރިންގެ ގުޅުން / އަޙްމަދު ނަވީން އާދަމް، އއ.މާޅޮސް=

