ދެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންޑިޑޭޓުންނާއެކު މިއަދު މެދު ހެންވޭރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން އަންނަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.
މި ކެމްޕޭނުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މެދުހެންވޭރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ހަރަކާތުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލާއި، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޒިޔާރަތުގައި ރައީސް ވަނީ އާއްމުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.
ފެބްރުވަރީ 19 ގައި ފެއްޓެވި މި ހަރަކާތުގެ ތެރެއިން މިއީ ރައީސުލްޖުމްހޫރިއްޔާ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވި 21 ވަނަ ދުވަހެވެ. މީގެ ކުރިން މާލޭގެ ހުރިހާ ދާއިރާއަކަށް ވަޑައިގެންފައިވާއިރު، މިހާރު ކުރިއަށްދަނީ ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރެވެ. މިއީ ކައުންސިލް އިންތިޚާބަކަށް ސިޔާސީ ޕާޓީއަކުން މިހާ ފުޅާދާއިރާއެއްގައި ކެމްޕޭން ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.

