މި އަހަރުގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމަށް ކުރިއަށް ގެންދާ “އީދު ހަވީރު 1447” ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިއީ މުޖުތަމައުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ނިޔަތުގައި ސަރުކާރުގެ ފަރާތުން ވިލަރެސްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެމްއޭސީއެލް އިން ވިދާޅުވި ގޮތުގައި މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެ ކުންފުނީގެ ސްޓޯލް ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު އެންޓްރެންސްގައެވެ. މި ހަރަކާތްތައް ފިތުރު އީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާނެއެވެ.
މިފަހަރުގެ އީދު ހަވީރުގައި އެމްއޭސީއެލްގެ ސްޓޯލް ފަރުމާކޮށްފައިވަނީ ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭ ގޮތަށް “ޒޫޓޯޕިއާ” ތީމަށެވެ. މި ސަރަހައްދުގައި ޒޫޓޯޕިއާގެ ކެރެކްޓަރ މެސްކޮޓްތައް ހަރަކާތްތެރިވަމުން ދާނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.
މި ސްޓޯލްގެ އެންމެ ހާއްސަ އެއް ކަމަކީ ސްޓޯލްގެ މެދުގައި ތައްޔާރުކޮށްފައިވާ “ޓްރީހައުސް” (ގަސްމަތީ ގެ) އެވެ. މީގެ އިތުރުން، “އެކްސް ތްރޯއިން” (ކޮޅުފިލި އުކުން)، “ރެކިންގ ބޯލް” އަދި “ޝޫޓް ޔޯ ޝޮޓް” ފަދަ ހުރިހާ އުމުރުފުރައަކާ ގުޅޭ ތަފާތު ކުޅިވަރުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
އެމްއޭސީއެލް އިން ބުނީ މިއީ މިފަދަ ހާއްސަ މުނާސަބަތުތަކުގައި ރައްޔިތުންނަށް އުފާވެރި އަދި އާއިލާތަކަށް މާނަހުރި ވަގުތުތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ. އީދަކީ އެއްބައިވަންތަކަމާއި އުފާވެރިކަމުގެ މުނާސަބަތަކަށް ވާއިރު، އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، މުޖުތަމައަށް ފައިދާހުރި ކަންކަމުގައި ދެމިއޮތުމެވެ

