ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ވ. ކެޔޮދޫގެ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުންނެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ޖުމުލަ ހަތް މީހުން ތިބިކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.
މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިއާގެ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ. މީގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި ސަލާމަތްވި މީހުންގެ ތެރެއިން އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންނާއި ކޯސްޓްގާޑުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

