ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން އަމިއްލަ ނަފުސު މުރާޖައާކުރުން އަވަސްވެގަތުމަށް މިއަދުގެ ހުކުރު ހުތުބާގައި ރާއްޖޭގެ އެންމެހާ މުސްލިމުންނަށް ގޮވާލައިފިއެވެ.
“ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ” މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި ވަނީ ވަގުތުގެ މުހިންމުކަމާއި، މާތް الله ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވެ، އެ ނިއުމަތްތަކުން މަހުރޫމުވުމުގެ ކުރިން އޭގެ ބޭނުން ފުރިހަމައަށް ހިފުމަށް އިލްތިމާސްކުރައްވާފައެވެ.
މާތް الله ދެއްވި ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިއުމަތަކީ ވަގުތުގެ ނިއުމަތްކަން ފާހަގަކުރައްވައި، ކީރިތި ރަސޫލާގެ ހަދީޘްފުޅެއް ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. އެއީ “ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ، ދެ ނިއުމަތެއް ވެއެވެ. އެއީ ސިއްހަތާއި ހުސް ވަގުތެވެ.” އިސްލާމްދީނުގައި ވަގުތަށް ދީފައިވާ މުހިންމުކަން ހާމަވަނީ، މާތް الله ދުވާލާއި ރޭގަނޑުގެ އެކި ވަގުތުތައް ގަންދެއްވައި ހުވައި ވަހީކުރައްވާފައިވުމުންކަން ހުތުބާގައި ބަޔާންކުރެއްވިއެވެ.
ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން އަމިއްލަ ނަފުސު މުރާޖައާކުރުމަށް ހުތުބާގައި ބޮޑަށް ބާރުއެޅުއްވިއެވެ. الله އަށް ކިޔަމަންތެރިވުމުގައާއި، އީމާންކަމުގެ ރުކުންތައް ފުރިހަމަކުރުމުގައި ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ބަލައި ހިސާބުކުރަންޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. މީގެ އިތުރުން ގުރުއާން ކިޔެވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ހެޔޮ ކަންކަމަށް އަމުރުކުރުން ފަދަ ދީނީ އަޅުކަންތަކަށް ދެވޭ ވަގުތާ މެދު ވިސްނުމަށް ވަނީ ގޮވާލައްވާފައެވެ.
އިންސާނާ ދުނިޔޭގައި ވޭތުކުރާ ކޮންމެ ވަގުތަކީ އޭނާގެ އުމުރުން މަދުވެ، އަޖަލާ ގާތްކުރުވާ ވަގުތެއްކަން ހަނދާންކޮށްދެއްވަމުން އަލްއިމާމުލް ހަސަނުލް ބަޞްރީގެ ބަސްފުޅެއް ހުތުބާގައި ނަކަލުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ “އޭ އާދަމުގެ ދަރިޔާއެވެ! ތިބާއީ ދުވަސްތަކެކެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތިބާގެ އުމުރުން މަދުވާ ދުވަހެކެވެ.” އެހެންކަމުން ޣާފިލުކަމުގެ ނިދިން ހޭލައި، ދުނިޔޭގައި އޮތީ އަމަލުކުރުން ކަމާއި އާޚިރަތުގައި އޮތީ ހިސާބުބެއްލެވުންކަން ދަނެގެން އުޅުމަށް ނަސޭހަތްތެރިވެލެއްވިއެވެ.
ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފުސެއްކަން ފާހަގަކުރައްވައި، ހުތުބާގައި ބަޔާންކުރެއްވީ ކޮންމެ އުންމަތަކަށްވެސް ކަނޑައެޅިފައިވާ ވަގުތެއް (އަޖަލެއް) ވާކަމާއި، އެ ވަގުތު އައުމުން އެންމެ ހިނދުކޮޅަކަށްވެސް ލަސް ނުކުރެވޭނެ ކަމެވެ. ހުތުބާ ނިންމާލަމުން ވަނީ ވަގުތު ފާއިތުވުމުގެ ކުރިން ނިޔަތް ހާލިސްކޮށް، الله އަށް ކިޔަމަންތެރިވެ ހެޔޮ އަމަލުތައް ކުރުމަށް އަވަސްވެގަތުމަށް އެންމެހާ މުސްލިމުންނަށް އިލްތިމާސްކުރައްވާފައެވެ.

