ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް މި މަހުގެ 19 ވަނަ ދުވަހުގެ ދަންވަރު ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގިތާ ދުވަސްތަކެއް ވެފައިވާއިރު، ގެއްލުނު މީހުން އަދިވެސް ފެނިފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. މި ހާދިސާގައި ގެއްލިފައިވަނީ ލޯންޗުން ދަތުރުކުރި އިންޑިއާގެ ދެ ފިރިހެނުންނެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ކަނޑާއި ވައިގެ މަގުންނެވެ. މި މަސައްކަތުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ޑައިވަރުންގެ އިތުރުން އެމްއެންޑީއެފްގެ އެއާ ފޯސްގެ ޑްރޯން ވެސް ދަނީ ބޭނުން ކުރަމުންނެވެ. ޑްރޯން ބޭނުންކޮށްގެން ވ. އަތޮޅުގެ ވަރަށް ބޮޑު ސަރަހައްދެއް މިހާތަނަށް ވަނީ ބަލާފައެވެ.
މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ޖުމްލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ އަންހެނަކާއި، ރަޝިއާގެ އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް މީހުންނެވެ. ލޯންޗު ބަންޑުން ޖަހާލުމާއެކު ކަނޑުވި މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ގެއްލުނު ދެ މީހުން ފެންނަންދެން ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

