ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލައި، ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ފެންނަ ފޮޓޯއަކާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، އޭޕްރީލް މަހު ބިން ހިއްކައި ނިންމުމަށްފަހު ސަރވޭގެ މަސައްކަތްތައް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށެވެ
ގިރާވަރުފަޅުން ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހިއްކިފައިވަނީ 56 ހެކްޓަރުގެ ބިމެވެ. ބާކީ އޮތް 113 ހެކްޓަރު ހިއްކުމުގެ މަސައްކަތް ދެ ޑްރެޖަރު ބޭނުންކޮށްގެން ކުރިއަށްދާއިރު، ކުރިއަށް އޮތީ ފުން ސަރަހައްދުތައް ހިއްކުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، މި ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ސަރަހައްދުން އެކި ސައިޒުގެ ޖުމްލަ 4,000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި 1,250 އަކަފޫޓުގެ 2,603 ގޯއްޗާއި، 1,650 އަކަފޫޓުގެ 1,214 ގޯތީގެ އިތުރުން ބޮޑެތި ސައިޒުގެ ގޯތިތައް ހިމެނެއެވެ.
ކުރީ ސަރުކާރުން މާލޭ ސަރަހައްދުން ގޯތި ދޫކުރި ނަމަވެސް، ގިނަ ފަޅުތައް ހިއްކުމުގެ މަސައްކަތް އޮތީ ނުފެށިއެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވަނީ ހަލުވިކޮށްފައެވެ. އެގޮތުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގުޅީފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
މީގެ އިތުރުން، ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" ސިޓީގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މިއީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

