ޖަރުމަނުވިލާތުގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ކޮންޑޯއިން، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ. މި ނިންމުމާއެކު ޖަރުމަނާއި ރާއްޖެއާ ދެމެދު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ކޮންޑޯގެ 2026 ވަނަ އަހަރުގެ ލޯންގް-ހޯލް ޝެޑިއުލްގައިވާ ގޮތުން، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެވެސް ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި އޮޕަރޭޝަންތައް ކުރިއަށްދާނީ 2026 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.
ކޮންޑޯއިން ހާމަކުރި ގޮތުގައި، މި ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވަނީ ޖަރުމަނުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއެކު ކުރެވުނު ފުޅާ ދާއިރާއެއްގެ މަޝްވަރާތަކަށް ފަހުގައެވެ. ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މާކެޓަށް ވާއިރު، މި ފެށޭ ދަތުރުތަކުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އެ އެއާލައިނުން އުންމީދުކުރެއެވެ.
ހޫނު މޫސުމުގައި ސީދާ ދަތުރުތައް ފެށުމަކީ ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެެއް ކަމަށް ކޮންޑޯއިން ސިފަކުރެއެވެ. ޚާއްޞަކޮށް މި ދުވަސްވަރު ލިބޭ ހެޔޮ އަގުތަކާއި ޕެކޭޖްތަކުގެ ސަބަބުން ފަތުރުވެރިންގެ ޝައުގުވެރިކަން މިހާރުވެސް ވަނީ އިތުރުވެފައެވެ. ފްރެންކްފާޓަކީ ޔޫރަޕްގެ އެހެން ގައުމުތަކާވެސް ވައިގެ މަގުން ބޮޑަށް ގުޅިފައިވާ ސިޓީއަކަށް ވުމުން، މުޅި ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މިކަމުގެ ސަބަބުން ބޮޑު ލުއިފަސޭހައެއް ލިބޭނެއެވެ.
މި ދަނޑިވަޅަކީ މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބައެއް ގޮންޖެހުންތައް ކުރިމަތިވެފައިވާ ވަގުތަކަށް ވުމާއެކު، ޔޫރަޕުން ސީދާ ރާއްޖެއަށް ދަތުރުތައް އިތުރުވުމަކީ ފަތުރުވެރިންނަށް ލިބޭނެ ބޮޑު އިތުބާރެކެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަވެ، ފުޅާވެގެންދާނެ ކަމަށް ދާއިރާގެ މާހިރުން ލަފާކުރެއެވެ

