ރަމަޟާން މަހުގެ، އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
މި ފަހަރު ނިޔާވެފައި ވަނީ މ. ވެލިވަނި އިބްރާހިމް ރަަޝީދެވެ. އޭނާ ނިޔާވީ ރަމަޟާން މަހުގެ އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް މައްކާގައި ހުއްޓާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއީ ފާއިތުވި ހަ ދުވަސް ތެރޭގައި މައްކާގައި ނިޔާވި ދެވަނަ ދިވެހި އުމްރާވެރިޔާއެވެ. މީގެ ހަ ދުވަސް ކުރިން، ހިޖާޒު ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިޔަ ގދ. ނަޑައްލާ، އަލީ އިބްރާހީމް ދީދީ ވެސް ވަނީ މައްކާގައި ނިޔާވެފައެވެ.
މި އަހަރުގެ ރަމަޟާން މަހުގެ އުމްރާގެ އަޅުކަމަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ރަމަޟާން މަހު އެކަނިވެސް 2،000 އަށް ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސްފައިވެއެވެ.

