ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފިއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް އެސްޓީއޯއިން ވަނީ ތެލުގެ ސްޓޮކް އިތުރުކޮށްފައެވެ.
އެސްޓީއޯއިން ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް، މިވަގުތަށް ރާއްޖެއަށް ތެޔޮ ލިބުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. މިހާރު ގެނައި ޝިޕްމަންޓުގެ އިތުރުން، ތެލުގެ އިތުރު ޝިޕްމަންޓެއް ރާއްޖެއަށް އައުމުގެ މަގުމަތީގައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލާއި ޑިސަލަކީ އެންމެ މަތީ މިންގަނޑަށް ސާފުކޮށްފައިވާ ތެޔޮ ކަމަށްވުމުން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގަށް އަންނަ ބަދަލާއެކު މި ބާވަތްތަކުގެ އަގުވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ.
ތެލުގެ އިތުރުން ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތްވެސް އެސްޓީއޯއިން ދަނީ ކުރަމުންނެވެ. އެސްޓީއޯއިން ވިދާޅުވި ގޮތުގައި، މިވަގުތު ގޭހުގެ ޑިމާންޑް އާދަޔާ ހިލާފަށް އިތުރުވެފައިވުމާ ގުޅިގެން، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ މޯލްޑިވް ގޭހުން މިހާރު ގޭސް ވިއްކަމުން ދަނީ ވަކި މިންވަރަކަށް ލިމިޓް ކޮށްގެންނެވެ.
ރާއްޖޭގައި ތެޔޮ ވިއްކާ އަގާ ގުޅޭގޮތުން މާލީ ވަޒީރު މޫސާ ޒަމީރު މީގެކުރިން ވިދާޅުވެފައިވަނީ، އާންމު އުސޫލެއްގެ ދަށުން ތެލުގެ އަގު ކަނޑައަޅަނީ ރާއްޖެއަށް އެތެރެކުރާ ތެޔޮ ޝިޕްމަންޓްތަކުގެ ވެއިޓެޑް އެވަރޭޖަށް ބަލައިގެން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުމުގެ އަސަރު ރާއްޖޭގެ ބާޒާރުންވެސް ފެންނަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.
ކަން މިހެން ހުރިނަމަވެސް، ތެލުގެ އަގު އުފުލުމުގެ ބުރަ އާންމުންނަށް ކުޑަކުރުމަށްޓަކައި އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް، އަގަށް އަންނަ ބަދަލުތައް އެބްޒޯބް ކުރެވޭނެ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ރާއްޖޭގައި މިހާރުވެސް ތެޔޮ ވިއްކަމުންދަނީ ނިސްބަތުން ހެޔޮ އަގެއްގައިކަން ސަރުކާރުން ފާހަގަކުރައްވައެވެ.

