ދެހަފްތާއެއް ފާއިތުވިއެވެ. އެބުނާ އަންހެނެއްގެ ހިލަމައެއް ނުވިއެވެ. އަބަދު ކަމަކާ ފިކުރުބޮޑުވެފައި ހުންނަ ރަފާނަށް ހިތް ނުތަނަވަސްވީ އާދިލް އެބުނާ ވާހަކައާ އެކިޔާ އަންހެނަކީ ހަޤީޤަތެއްކަމަށް ޝައްކުވެގެނެވެ. އާދިލަކީ ވެސް މަސްތުވާ އެއްޗެހި ބޭނުން ކުރާމީހެއްކަމުން އޭނާ އަމިއްލައަށް ސީންއެއް ކްރިއޭޓް ކުރަން ތާކުން ނުޖެހޭ ވާހަކައައެއް ހަދައިގެން ދައްކަނީ ނޫންބާ؟
އޮފީހުގައި ހުރެފައި އޭނާ ފޯނުން ޖިދޫއަށް މެސެޖްކޮށްލިއެވެ. އިންތިޒާރު ކުރުމަކީ ވަރަށް ކެތްތެރިވާން ޖެހޭ މަރުހަލާއެކެވެ. ފޯނުރިންގް ޓޯން އަޑުއިވުނެވެ. ރަފާން ހިނިތުންވިއެވެ. ދެން އިތުރަށް ލަސްކުރުމެއް ނެތެވެ. ޖިދޫއާ ރަފާންގެ އަލަތު ކައިވެންޏަށް ތައްޔާރީތައް ވަމުން ދިޔައެވެ.
ރަފާނާ ޖިދޫ ހުޅުމާލެ އެޕާރޓްމެންޓަށް ގޮސް ބޭނުންވި ފަރުނީޗަރާ އެހެނިހެން މުދާތައް ގެނެސް ޖަމާކުރިއެވެ. އަދި ގެނައި ގިނަ ސާމާނުތައް އެހުރީ ޕެކިންގްވެސް ނުކަނޑައެވެ. ޖިދޫ ހަމަޖެހިލައިގެން ހުރީ ތަރުކާރި ކޮށަން ބަދިގޭގައެވެ. އެހެނަސް ސިޓިންގް ރޫމުގައި އަޑުގަދަވެފައި ހުރީ ބަޔަކު އައިސް ސަކަރާތް ޖަހާތީއެއް ނޫނެވެ. ކުޑަނެޕެއް ނަގާލައި އޭނާ ތެދުވެ މޯލިއަކަށް ދެމިލައި ބަދިގެއާ ދިމާއަށް އައިސް ވާން އުޅޭ އަނބިމީހާ ގެ މުރާލިކަމާއި މެދު ހިތްއުފަލުން ފޮޅުނެވެ.
ރަފާން:” ހާދަ ބިޒީކޮށްލާގެން ކޮންއެއްޗެއް ތި ތައްޔާރުކޮށްލަނީ؟ އޭނާ ހިނިތުންވިއެވެ.
ޖިދޫ:”ރަފާން އެންމެ ކާހިތްވާ ތަރުކާރި ބީޓްރޫޓްސް ބޭނުންކޮށްގެން ހިކިރިހައެއް ކައްކާން ކަމަށް މިއުޅެނީ. ސިޓިންރޫމުގައި އަޑުގަދައެވެ.
ރަފާން:” އަހަރެން ހީކުރީ ބަޔަކު އައިސް އުޅެނީކަމަށް އޭނާ ފަހަތް ބަލާލިއެވެ.
ޖިދޫ:” ނޫނޭ، މިހެން ބަދިގެ ތެރޭގަ މަސައްކަތް ބުރަކޮށްލާގެން ހުއްޓަސް ޓީވީ އަޑުގަަދަކޮށްފަ ހުރީމަދޯ ނިޔުސްއިންވެސް ޚަބަރު ކިޔާ އަޑުއިވޭނީ. އޭނާ ހިނިތުންވިއެވެ.
ޖިދޫ:” އެބަ އަންނަން ފާޚާނާއަށް ވަދެފަ. މި ބީޓްސްތައް ކޮށާލަން އެނގޭނެތަ؟ އޭނާ ސަމާސާކޮށްލިއެވެ.
ރަފާން:” އާނ. އަހަރެންނަށް މާބޮޑު ކެއްކުންތަކެއް ކައްކަން ނޭނގުނަސް ބަދިގޭގަ ކުރާ ތިކަހަލަ ކުދިކަންތައް ކޮށްލަން އެނގޭނެޔޭ. ދެމީހުންވެސް ހިނިގަނޑެއް ޖަހާލިއެވެ.
ޖިދޫ:” އެހެންވެއްޖެއްޔާ މީގެ ފަހުން އަހަރެން ކައްކާހެދީމަ ތެލިތަށިތައް ދޮންނަން ޖެހޭނީ ރަފާން. އެގޮތް އޯކޭތަ؟
ރަފާން ބޯތަޅުވަމުން “މައްސަލައެއް ނޯންނާނެ. ކަމަނާ ބުނުއްވިގޮތެއް. އޭނާ އެހުރީ ވަރަށް އުފާވެފައެވެ. އޭނާ ތަރުކާރިކޮށަން ހުރެފައި އިވުނު ޚަބަރަކުން ސިޓިންގް ރޫމަށް ޖެހިލިއެވެ. ޖިދޫ ފްރެޝްވެލައިގެން އައެވެ. އަހާނ. ތީ ތަރުކާރި ކޮށަން ހުރި މީހާ؟
ރަފާން:” އޯހް، ސޮރީ ސޮރީ، ވިލިމާލޭގަ ބަޔަކު މާރާމާރީއެއް ހިންގި ނިޔުސް އަޑުއިވިފަ ޓީވީއަށް ގެއްލިފަ ހުރެވުނީ. މިދަނީ އިނގޭ.
ޖިދޫ:” ނޫނޭ ދެން އޯކޭވާނެ. އަހަރެން މިކަންތައް ކޮށްނިންމާލަފާނަން . އޭނާ ހެމުން އެހެންބުންޏެވެ. ތިންދުވަސް ފަހުން ކައިވެނި ކުރެވޭނެއެވެ. ދެދުވަހެއް ފާއިތުވީ ރަފާނަށް ވަަރަށް ބިޒީކޮށް އޮފީހުގައި މަސައްކަތް ކުރުމާ ކައިވެނީގެ ކަންތައް ހަމަ ޖައްސަމުންނެވެ. ޖެހިގެން އަންދުވަހު ހަވީރު ހަތަރެއް ޖަހަންވާއިރަށް ހުރިހާ ކަމެއްނިމި ކައިވެނި ހަފްލާބާއްވާނެއެވެ.
އޮފީހުގައި ވަރަށް ބިޒީކޮށް އުޅެމުންވެސް ޖިދޫއަށް ގުޅާލައި ހާލު ބަލާލުން އެއީ އޭނާއަށް ލިބޭ ހިތްހަމަޖެހުމެވެ. ރަފާންގެ ހިތް ޖިދޫދެކެ އިންތިހާއަށް ވަރަށް ލޯބިވެއެވެ. ހަމަ އެފަދައިން ޖިދޫވެސް ރަފާންދެކެ ވަރަށް ލޯބިވާނެކަން ގައިމެވެ. މި ތިންދުވަސް ޖިދޫ ޗުއްޓީ ނެގީ ކައިވެނި ކަންތަކަށް ތައްޔާރުވުމާ ހުޅުމާލެއަށް ބަދަލުވާން އުޅޭތީވެ އެތަނުގައި ހުރި ސާމާނުތައް ރަމަތަކޮށް އެކަމުގައެވެ. އޭނާ ހުރީ ހުޅުމާލޭގައެވެ. ފޯނުރިންގުވާން ފެށިއެވެ.
ޖިދޫ:” ހަލޯ؟ ހޫމް ކީކޭ؟
ރަފާން:” އިރުކޮޅަކުން މީހަކު ދާނެ އެއްޗެއް ހިފައިގެން. އެ ރިސީވްކޮށްލައްޗޭ.
ޖިދޫ:” އާނ. ހިނިތުންވިއެވެ. ގެއަށް ގެނެސް ރާވާހަދާފައި ހުރި ބޮޑު އަލަމާރިއެކެވެ. ދެމީހުންގެ ސާމާނުތައް އަޅާފައިވެސް އެހެން ތަކެތި ބަހައްޓަން ޖާގަހުންނަހާ ބޮޑު އަލަމާރިއެކެވެ. ބެލްއަޅާލި އަޑަށް އޭނާ ގޮސް ދޮރުހުޅުވިއެވެ.
ފުރަތަމަވެސް ފެނުނީ ރަތްކުލައިގެ ބޮޑު ފިނިފެންމާ ބޮކޭއެކެވެ. މިއީ ރަފާން ފޮނުވި އެއްޗެއް.
ޖިދޫ:” އާނ. ހިނިތުންވިއެވެ. ވަދޭ އެތެރެއަށް. އެމީހާ ވަނެވެ.
އެމީހާ:” މިއީ ރަފާން އަލަށް ކުއްޔަށްނެގި އެޕާރޓްމެންޓް ދޯ؟ އެމީހާ ވަށައިގެން ބަލާލިއެވެ.
ޖިދޫ:” އާނ. މާދަމާ ކައިވެނި ކޮށްގެން ދެން މުސްތަޤްބަލުގަ ދިރިއުޅެން ހުރިތަންމި. އަދިވެސް މި އުޅެނީ މި ޕެކިންގްތައް ރަމަތަ ނުކުރެވިގެން. އޭނާ އެކަމެއް ނަގައި އެކިދިމާއަށް ޖައްސާހަދާފައި އުޅުނެވެ. އެމީހާ ފޯނުރިންގްވާން ފެށިއެވެ.
އެމީހާ:” ހަލޯ.. އާނ. ވާން އުޅޭ އަނބިގޮއްޔެ ވެސް ފެނިއްޖެ އެނގޭ. ވަރަށް ނަލަ ، އުފާވެރި ކައިވެންޏަކަށް އެދެނީ. ރާފާން:” އާނ. ޝުކުރިއްޔާ. އެހެންވީމަ މާދަމާ ހަފްލާއަށް އަންނާތި އެނގޭ.
އެމީހާ:” މައްސަލައެއް ނޯންނާނެ. ފޯނު މެދުކެނޑުނެވެ. އެމީހާ ޖިދޫއަށް ގެނައި މާބޮނޑި ބޮޑު ގުބުތެރެއަށް ލައި ފެންއަޅައި މޭޒުގައި ބައްޓާފިއެވެ.
އެމީހާ:” އެހެރީ ހާދަބޮޑު އަލަމާރިއެކޭ ދޯ.
ޖިދޫ:” އާނ. މާދަމާ ކައިވެނި ކުރިއަސް އަދި މި އެޕާރޓްމަންޓަށް ބަދަލުވެވޭނީ މިތަން އެއްކޮށް ރަމަތަކޮށް ތައްޔާރުވެގެން. ކޮފީ ނޫނީ ސާތަށްޓެއް ބޯލާގެން ދާންވީނުން؟
އެމީހާ:” އެންމެ ރަނގަޅު މިލްކް ކޮފީއެއް އޯކޭވާނެ. ޖިދޫ ހިނިތުންވެފައި އެމީހާއަށް ކޮފީއެއް ތައްޔާރުކޮށްގެން ގެނެސްދީފައި ހިނިތުންވިއެވެ. ރަފާނަށް ގުޅާލައި އޭނާ އިރުކޮޅަކުން ދާންކަމަށް ބުނެ ވާހަކަ ދެއްކިއެވެ. ރަފާނަގެ ޚާއްސަދުވަހަށް އޭނާއަށާއި ވާން އުޅޭ އަނބިމީހާއަށް ކައިވެނީގެ ހަދިޔާއެއްވެސް ގަންނަން ދާންޖެހޭތީވެ އޭނާ ވާހަކައިގައި އިނދެފައި ކޮފީ ސިޕުފޮދުބުޔެވެ.
ރަފާން ބިޒީކޮށްއުޅެމުން ހުރިހާ ކަމެއް ރަނގަޅަށް ތައްޔާރުކުރިއެވެ. ޖެހިގެން އައިދުވަހު ކައިވެނި ހަފްލާފެށެން ގާތްވީއެވެ. ކައިވެނި އޮތީ މާލޭގައި ރެސްޓޯރެންޓެއްގައި އެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ވެޑިންގް ޑްރެސްލާން ފުރުސަތުލިބުނެވެ. ހުދު ފިނިފެންމަލެއްފަދަ އެ ނަލަ ހެދުމުގައި ވޭލްއަޅައިފައި ހުރިއިރު ޖިދޫގެ ރީތިކަން އިންތިހާއަށް ފެންނަފަދައެވެ. ނަލަކަމާއި އެއްކޮށް ޒީނަތްތެރިކޮށްލާފައިވާ މި ކައިވެނި ހަފްލާގައި ރަފާންގެ ޢާއިލާމީހުންނާ އޮފީސް ސްޓާފުން ހާޒިރުވެފައި ތިއްބެވެ.
ކައިވެނި ފެށެން ދިހަ މިނެޓަށް ވެފައިވަނިކޮށް މިތަނަށް ހާޒިރުވެފައި ތިބި ސިފައިންގެ ބަޔަކު އެވެރިން އައިސް ރަފާން އަތުގައި ބިޑިއެޅުވިއެވެ. މިވީ ކިހިނެއް؟
ރަފާން:” މީ ކޮން ސަކަރާތެއް؟ މިނޫން ގަޑިއެއްގަ ނޫނީ ސަމާސާ ކުރަން ނޭނގުނީތަ؟ ސިފައިންގެ އިންވެސްގޭޓަރ ޖާވިދު:” ބައްލަވާ ސާރ. އަޅުގަނޑުމެނަށް މިކަން މަޖުބޫރުވީމަ ނޫންތޯ މިހެން ކަންތައް ކުރާނީ؟ ޖިދޫ:” ތިވެގެން އުޅޭކަމެއް ބުނެބަލަ ،ކީއްވެތަ ރަފާން ތި ހައްޔަރު ކުރަނީ؟
ޖާވިދު:” މީގެ ވިހިމިނެޓް ކުރީން ލިބުނު ފޮށިގަނޑެއްގައި އެތައް ބައިވަރު ހެކިތަކުން ފުރިފަ. މަރާލާފައި އޮތް ވަލީދާ ހުޅުމާލެގައި ރަފާން ނަގާފައި ހުރި އެޕާރޓްމަންޓު ގައި ހުރި އަލަމާރިތެރެއިން މަރާލާފަ އޮތް އާދިލްގެ ހަށިގަނޑުފެނުނީ. ރަފާން ލޯބޮޑުވިއެވެ.
ޖިދޫމޭގަނޑު ގުޑައިގެން އޭނާ އަތުގައި އޮތް ފިނިފެންމާ ބޮކޭ އަތުން ދޫވެގެން ވެއްޓުނެވެ. ހާސްކަމުގައި އާހްގެއަޑު ނެރިފައި ލޯފެންކަޅިވިއެވެ. ދެފަރާތައް ބޯއަބުނރައި ނޫން ބުނަމުން ޖިދޫ ދެއަތް އަނގަމަތީ އަޅާލެވުނެވެ.
ޖާވިދު:” އަދިވެސް އިތުރަށް، މަރުވެގެން ލައްގާފަ އޮތް ނައުފަލް ޑީއެންނޭއާ ގުޅުން ހުރި ކޮފީބުއި ކަޕެއްގެ ހެކި. އެފެނުނީ އާދިލްގެ ހަށިގަނޑު ފެނުނު އެޕާރޓްމަންޓުން. އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ވަލީދަށް ހަމަލާދީފައި އޮތް ތޫނު ހަތިޔާރުގައި އުނގުޅިފައި ހުރި ލޭ.
އޭނާ ވާހަކަ ދައްކަމުން އެންމެނާ ދިމާއަށް ނަޒަރުހިންގާލައި ބޯތަޅުވާލިއެވެ. ހަމަ އެހަތިޔާރުން އާދިލަށްވެސް ހަމަލާދީފަ ހުރީ. ފުރާނަ ނެތް ވަލީދުގެ ހަށިގަނޑު ފެނުނު ދުވަހު ޑިޖޭގައި ބައިވެރިވި މީހުން ބޮއެފައި ހުރި އެކި ފުޅިއާ ދަޅުތަކާ ކޮފީކަޕު ތަކުން ރަފާންގެ ފިންގަރ ޕްރިންޓްސް އަދި ސަތޭކަ ޕަސަންޓް އޭނާގެ ޑީއެންއޭ ފެނިފައިވޭ. ރިސޯޓުގައި މަރުވެފައި އޮތްވާ ފެނުނު ހުމައިދާ، ފްރީޒަރު ތެރޭގައި އޮތް ސުނީލާ، ގެނބިގެން މަރުވި ނައުފަލް…
އޭނާ އަތުން ހަރަކާތް ކުރަމުން ނުހުއްޓި ވާހަކަ ކުރިއަށް ފާޅުގައި ގެންދިޔައެވެ.
ރަފާން ކުއްޔަށް ނަގާފައި ހުރި އެޕާރޓްމަންޓުން ފެނުނު އާދިލް، ޑިޓެކްޓިވް ހުސެންގެ ހަށިގަނޑުންނާ މި ފެނުނު ހުރިހާ މަރާލި ބައެއްގެ ހަށިގަނޑުތަކުން ފެނުނީ އެއްގޮތަކަށް ހުރި ޒަހަރު އެކުލެވޭ މަސްތުވާ ތަކެތީގެ އަސަރު. ރަފާން ޤަބޫލު ކުރަން ދަތުވިއަސް ދެން ޖާވިދު އޭނާއާ ޖެހިގެން ހުރި ސިފައިން މީހާއަށް އަތްދިއްކޮށްލިއެވެ.
އެމީހާ އަތުގައި އޮތް ބޮޑު ސިޓީއުރަ ކަނޑާލައި ޖާވިދު އެއިން ނެގީ މިހުރިހާ މީހުންނާ އެކީ އެކިދުވަސްވަރު ރަފާން ކޮފީއަށް އަރައި ނަގާފައި ހުރި ތަސްވީރުތަކެވެ. އަދި އެބުނާ ޑީޖޭއެއް ބޭއްވި ރެއަކު އެތަނުގައި މަސްތުހާލުގައި ބައިވަރު އެކިއަންހެން ކުދިންގޮވައިގެން ނަގާފައި ހުރި ފޮޓޯތަކެވެ. އެހުރީ ކޮންމެވެސް ސިއްރުވެރި ޖާސޫސެއް ކޮށްފައިކަން ގައިމެވެ. އެކަމަކު ކިހިނެއް ކާކު ކުރިކަމެއްހެއްޔެވެ؟
ޖާވިދު:” ފޮނުވާފަ ހުރި ފޮށިގަނޑުގައި ހުރިހާ ސައްޚަ މުޖައްރިބު ލިޔެކިޔުމާ މައުލޫމާތާ ހެކިތައް ބައިވަރު. ރަފާން އެދުމުގެ މަތީން ސައްޚަނޫން މަޢުލޫމާތަކަށް ވުޖޫދުގަ ނުވާ އަންހެނަކާ ބެހޭ ގޮތުން ތަސްވީރުކުރަހައި މަޝްވަރާތަކެއްކޮށް އެންމެން އެލާރޓަށް ގެނެސް ސަމާލުކަން އެކަމަށް ފޮނުވާލައި ހެދުން މިއީ މިކަންތައް ސިއްރުކުރަން ކޮށްފައިވާ ސިއްރުވެރި މަކަރުވެރި ރޭވުމެއްކަމަށް ބެލެވޭ. އަދިވެސް މިނޫން އެތައް ކަމެއްގެ ޖަރީމާތައް. އެހެންވީމައި ދެން ރަފާން ސާރ މިހުރިހާ ކަމަކާ ނަންގަންނާނީ ކީކޭތޯ؟ މައްސަލަ ކުރިއަށް ގެންދެވެންދެން ރަފާން ހައްޔަރު ކުރުން އޮތީ.
އޭނާ ގަދަކަމުން އަތުގައި ބިޑިއަޅުވައިގެން ހަޅޭއްލަވައި ހުއްޓާ އެ ގެންދަނީއެވެ. ހިތް ހަލާކުވާ ހާލު އޭނާ ވެޑިންގް ޑްރެސް ދެފަރާތުން ނަގައި ރޮމުން މަގަށް ނިކުތެވެ.
ރަފާން:” ޖިދޫ އެއީ ހުސްދޮގު އެމީހުން ކިޔާ އެއްވެސް އެއްޗެއް ޤަބޫލު ނުކުރާތި. ހެޔޮނުވާނެ އަހަރެން ސަލާމަތްކޮށްދީ. އަހަރެން ބޭނުންވަނީ ޖިދޫއާ މެރީކޮށްގެން އައު ދިރިއުޅުމެއް ފަށަން.
ހުއްޓުމެއް ނެތި އޭނާ ލޮލުން ކަރުނަތައް އޮހޮރުވަމުން މަގުމަތީގައި ރަފާން އަތުގައި ބިޑިއަޅުވާގެން ގެންދިޔަ މަންޒަރު ބަލަން އޭނާ ހުއްޓެވެ. މަގުގައި މީހުންގަނޑު އެއްވެ ޖަމާވާން ފެށިއެވެ. ވެގެން އުޅޭ ގޮތެއް ސާފުނުވިއަސް ރީތި ވެޑިންގް ޑްރެސްގައި ކައިވެންޏަށް ތައްޔާރުވެފައި ހިތާމައިން ފުރިފައިވާ ބްރައިޑަށް އެންމެންގެ ލޯތައް އަމާޒުވެފައެވެ. ލަދުން ބޯހަލާކުވާވަރުވިއެވެ.
އޭނާ ރަފާނަށް ޓަކައި ކުރި އުއްމީދާ ހުވަފެންތައް ވިއްސިވިހާލެވިގެން އެދިޔައީ ފަޅި ސިކުންތެއްގައެވެ. އޭނާ ދެކެމުން އައި ހުވަފެންތައް ކާމިޔާބުނުވެ ފުނޑުފުނޑު ވީހެއްޔެވެ؟
ވެޑިންގް ޑްރެސްލައިގެން ރޮމުން ދުވެފައި ދިޔަ ރީތިއަންހެނާއަށް މަގުމަތިން ދިޔަހައި އެންމެންގެ ނަޒަރުހުއްޓިފައެވެ. އިރުއޮށްސި އަނދިރިވާން ފެށިއެވެ. އޭނާ ދިރިއުޅޭ މާލޭގައި ހުރި އެޕާރޓްމެންޓަށް ވަދެފައި ވެފައި ހުރި ވަރުބަލިން އިނީ ފާޚާނާ ތެރޭގައި އުނޑުފައިން އިށީނދެ ރޮނީއެވެ.
ރޭގަނޑު ގަޑިން އަށެއް ޖެހީއެވެ. އަގުބޮޑުކޮށް މޫނުގައި ކޮށްފައިހުރި މޭކަޕުތައް ފޮހެލާފައި އޭނާ ލައިގެން ހުރި އަގުހުރި ނަލަ ވެޑިންގް ޑްރެސްބާލައި އެއައި ރުޅީގައި ކަތުރު ނަގައި ހެދުން ވީދައި ކަފައި ކުދިކޮށް ހަލާކުކޮށްލައި ގަދައަޑުން ހަޅޭއްލަވައި ޖިދޫ ރޯން ފެށިއެވެ.
ރަފާނާ ކައިވެނި ކުރަން ރޭވި ރޭވުން ކަނޑަށް ގެނބުނުފަދައެވެ. ޖިދޫ ކޮޓަރިއަށް ވަދެފައި ޑްރެސިންގް ޓޭބަލްގައިވާ ބޮޑު ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެފައި ރޮއެރޮއެ ދުޅަވެފައިވާ ލޮލަށް ބަލާލިއެވެ. އޭނާ ލޮލުން ވެއްޓުނު އެ ފަހުކަރުނައަށް ފަހު ހިނިތުންވިއެވެ. ދެން އިތުރަށް އެގޮތައް ދެރަވެގެން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓޭނެއެވެ. މިއީ އޭނާއަށް ހުރިގޮތެވެ. ޖިދޫ ގަދައަޑުން ހޭންފެށިއެވެ.
ދެން ފަރިރާގެއް އަޅުވާލައި އޭނާ މޭކަޕުއަޅާފައި ހުރި ސާމާނުން އެއްކަލަ ދަނބުކުލައިގެ ލިޕްސްޓިކް ނަގައި ތުންފަތުގައި އުނގުޅާލިއެވެ. އެވެރިވީ ކޮންފަދަ ވިހަ މަކަރުވެރި ވިހަ ހިނިތުންވުމެއްހެއްޔެވެ؟ އަދި ލޯގަނޑުގައި ލިޕްސްޓިކުން އެއިން” ޕޮއިޒަން ޕާރލް” މިހެން ލިޔެލިއެވެ. ދެން އޭނާ ނަޒަރުހިންގާލީ އަލަމާރީގައި އެހުރި ވެޑިންގް ޑްރެސްއާ އެކީ ގެނައި މެނަކުއިން ބުދަށެވެ.
=ނުނިމޭ=

