ސަރުކާރުން އަލަށް ތައާރަފްކުރުމަށް ނިންމާފައިވާ ޓެކްސީލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށްޓަކައި މާދަމާ ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެމްޓީސީސީން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، ޓެކްސީލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް ބާއްވާ މި އިންޓަވިއު ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އަށް މާފަންނު ބަސް ޓާމިނަލްގައި ކަމަށެވެ.
ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ މީގެކުރިން މިދިޔަ ޖެނުއަރީ މަހުވެސް ވޯކް-އިން އިންޓަވިއުއެއް ކުރިއަށް ގެންގޮސްފައެވެ. އެ ފަހަރު ބޭއްވި އިންޓަވިއުގައި 250 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ރާއްޖޭގައި މިހާރު ދެމުންދާ ޓެކްސީގެ ހިދުމަތްތަކާ ގުޅިގެން އާންމުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ދަތުރުތައް ނުނެގުމާއި، ވަކި އުސޫލެއް ނެތި ހިދުމަތް ދިނުމާއި، ޑްރައިވަރުން ބޭނުންވާ ވަގުތެއްގައި ހިދުމަތް މެދުކަނޑާލުން ފަދަ މައްސަލަތައް ހިމެނެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މީގެކުރިން ވިދާޅުވެފައިވަނީ، ސަރުކާރުން ޓެކްސީލައިނެއް ތައާރަފްކުރުމުގެ މައިގަނޑު ބޭނުމަކީ މިހާރު ހުރި މިފަދަ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ސަރުކާރުގެ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މި ހިދުމަތް ފެށުމަށްޓަކައި އެ ކުންފުނިން ދަނީ ބޭނުންވާ ތައްޔާރީތައް ވަމުންނެވެ.

