ސްކޫލް ބަންދާއި ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން ތައިލެންޑުގެ ބެންކޮކަށް ޚާއްސަ ފެއަރއެއް ތައާރަފްކޮށްފިއެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި މި ޚާއްސަ ފެއަރ ކުރިއަށްދާނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ފެއަރގެ ދަށުން ބެންކޮކަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އަގު ފެށެނީ 399 ޑޮލަރުންނެވެ. މީގެ އިތުރުން، މި ދަތުރުތަކުގައި ބައިވެރިވާ ކޮންމެ ފަސިންޖަރަކަށް 25 ކިލޯގެ ބެގެޖް އެލަވަންސް ލިބޭނެ ކަމަށްވެސް އެ އެއަރލައިނުން މައުލޫމާތު ދެއެވެ.
މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އެގޮތުން މާލެއިން ބެންކޮކަށް ފުރާ ފްލައިޓްތައް އޮންނާނީ މެންދުރުކުރީ 11:00 ގައެވެ. އަދި ބެންކޮކުން މާލެއަށް އެނބުރި އައުމަށް ފްލައިޓް ފުރާނީ އެ ގައުމުގެ ގަޑިން އިރުއޮއްސި 18:40 ގައެވެ. މި ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މޯލްޑިވިއަނުން މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން މީގެކުރިންވެސް ވަނީ ބައިނަލްއަޤްވާމީ މަންޒިލްތަކަށް ޚާއްސަ ދަތުރުތަކެއް ބާއްވާފައެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހު މެލޭޝިއާގެ ކުއަލަލަމްޕޫރަށާއި ބެންކޮކަށް ކުރި ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ. މޯލްޑިވިއަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެފަހަރުގެ ދަތުރުތަކުގައި ޖުމްލަ 2,120 އަށްވުރެ ގިނަ ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ.
ކޮންމެ އަހަރަކުވެސް ސްކޫލް ބަންދާއި ބޮޑު ޗުއްޓީއާ ދިމާކޮށް، ދިވެހިން އާންމުކޮށް ގޮސްއުޅޭ މަންޒިލްތަކަށް މޯލްޑިވިއަނުން ދަތުރުތައް އިތުރުކުރެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން ބައިނަލްއަޤްވާމީ މަންޒިލްތައްވެސް ހިމެނެއެވެ.

