ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީ.އެސް.އޭ) އަކަށް "މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑް" އައްޔަނުކޮށްފިއެވެ. މިއީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވިއަން އިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަން އިން މިހާރު ދަނީ ވައިޑް-ބޮޑީ އޭ330-200 މަރުކާގެ ބޯޓުގައި ޗައިނާއަށް ދަތުރުތައް ބާއްވަމުންނެވެ. މިދިޔަ އަހަރުގެ ޖަނަވަރީމަހު ފެށި މި ދަތުރުތަކާއެކު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން އެ އެއާލައިނުން ފާހަގަކުރެއެވެ.
މި ނިންމުމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، ޗައިނާއަކީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކުގައި އިސްކަންދޭ މާކެޓެއް ކަމަށެވެ. "މެގަކެޕް އައްޔަނުކުރުމަކީ އެ މާކެޓަށް މޯލްޑިވިއަން އިން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް. އެ ކުންފުންޏާ ގުޅިގެން ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، އިތުރު ޗައިނާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އުންމީދުކުރަން،" އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަންއިން ލަފާކުރާ ގޮތުގައި މެގަކެޕްގެ ތަޖުރިބާގެ އަލީގައި ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ އޮންނަ ގުޅުން ބަދަހިވެ، މޯލްޑިވިއަންގެ މަގުބޫލުކަން އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު އިތުރަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިއްމު އެއް މާކެޓެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 329,110 ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި އަހަރުގެ މާރިޗު މަހުގެ މެދާ ހަމައަށް ވެސް 86,464 ފަތުރުވެރިން ޗައިނާއިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މާކެޓް ހިއްސާގެ 15.6 އިންސައްތަކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

