ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި، އެމަނިކުފާނު އެންޑޯޒް ކުރައްވާކަން މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު މިއަދު ހާމަކުރައްވައިފިއެވެ.
މިއަދު ހެނދުނު މޫސާ އަލީ ޖަލީލާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ، މާލެއަށް ކަންކަން ކޮށްދެވޭނެ ގާބިލުކަން ހުރީ ސަރުކާރުގެ ކެންޑިޑޭޓުގެ ކިބައިގައި ކަމަށެވެ. މާލެއަށް އަޅާނުލެވި ޒަމާންތަކެއް ފާއިތުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވީ ވަރުގަދަ އެޖެންޑާއަކާ އެކުގައި ކަމަށެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ގެންގުޅުއްވި އެޖެންޑާ މޫސާ އަލީ ޖަލީލު ތަންފީޒުކުރައްވާނެއެވެ. “މޫސާ އަލީ ޖަލީލަށް ދެވޭ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް،” އާދަމް މަނިކު ވިދާޅުވިއެވެ. މީގެ އިތުރުން މާލެއަށް ބޭނުންވާ ތަރައްގީގެ ކަންކަން ކޮށްދިނުމުގެ ގާބިލުކަން އަދުގެ ސަރުކާރުގެ ކިބައިގައި އެބަހުރިކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަރަނގު އާދަމް މަނިކަކީ މާލޭ ސިޓީގެ ފުރަތަމަ މޭޔަރުގެ އިތުރުން މާލޭ މުނިސިޕަލްޓީގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މޭޔަރުކަމުގެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވި ނަމަވެސް، މާލޭ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ދައުރު ފުރިހަމަ ކުރެއްވިއެވެ.
ސިޔާސީ ގޮތުން ބަލާއިރު، އާދަމް މަނިކަކީ ކުރިން އެމްޑީޕީގެ ހަރަކާތްތަކުން ފެނުނު ބޭފުޅެކެވެ. އަދި އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައި ވެސް އޭނާ ވަނީ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

