މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މަގު ހެދުމަށް ބަންދުކުރާ ސަރަހައްދުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންގައިފިއެވެ.
އެމްޓީސީސީއިން ވިދާޅުވީ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފޭސް އެކެއްގެ ސެގްމަންޓް އެކެއްގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދެވަނަ ސެގްމަންޓުން ފެށިގެން ފަސްވަނަ ސެގްމަންޓާ ހަމައަށް އަމަލީ މަސައްކަތް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޝީޓް ޕައިލް ކުރުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް މިއަދުން ފެށިގެން މަގު ބަންދުކުރާނެއެވެ. އަދި މާދަމާއިން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށް މަގު ބަންދުކޮށް ފެންސު ޖެހުމަށް ވަނީ ނިންމާފައެވެ.
އެމްޓީސީސީއިން ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް މިއަދުން ފެށިގެން މާދަމާ ހެނދުނު 9:00 އާ ހަމައަށް 24 ގަޑިއިރުގެ މުއްދަތެއް އާންމުންނަށް ލިބޭނެއެވެ. “މި މުއްދަތަށްފަހު އެ ސަރަޙައްދުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހި ފުލުހުންގެ އިދާރާއާއި ގުޅިގެން ކުރިއަށް ގެންދާނެ،” އެ ކުންފުނިން ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން މަގުގައި ތާރު އަޅައި ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމުގެ އިތުރުން ފެންހިންދާ ނިޒާމެއްވެސް ގާއިމުކުރެވޭނެއެވެ. މިހާތަނަށް ފުރަތަމަ ސެގްމެންޓާއި ދެވަނަ ސެގްމެންޓްގެ މަސައްކަތް ނިންމައި، އެ ސަރަހައްދު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

