މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުން ދިޔަ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އީރާނާއި، އިސްރާއީލް އަދި އެމެރިކާ ހިމެނޭ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ލޮޅުންތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރެއްވި ކެބިނެޓް ކޮމިޓީން ބޭއްވި ދެވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި މިވަގުތު އެކަށީގެންވާ މިންވަރަށް ތެލުގެ ސްޓޮކް އެބަހުރި ކަމަށެވެ. އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދެ ޓޭންކަރަކުން ރާއްޖެއަށް ތެޔޮ ގެނެސްފައިވާކަން ވެސް ވަޒީރުޔ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި އަންނަން ހުރި ތެލުގެ ޝިޕްމެންޓުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، 2 އެޕްރީލް ނުވަތަ 3 އެޕްރީލް ހިސާބުގައި ސިންގަޕޫރުން ޕެޓްރޯލާއި ޑީސަލް ބަރުކޮށްގެން އަންނަ އުޅަނދެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި ހަމައެއާއެކު، އޭޕްރީލް 4 ނުވަތަ 5 ހިސާބުގައި އޮމާންގެ ސޮހާރުން ވެސް ތެލުގެ އިތުރު ޝިޕްމެންޓެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ ދެ ގުނައަށް ބޮޑުވެފައި ކަމަށެވެ. އެގޮތުން މިވަގުތު ރާއްޖެއަށް ތެޔޮ ގަންނަން ލިބޭ އަގު ފީފާއަކަށް 160 ޑޮލަރާ ހަމައަށް އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ދަނޑިވަޅުގައި ރާއްޖޭގައި ތެލުގެ އަގު ބޮޑުނުކުރުމަށް ސަރުކާރުން ނިންމާފައިވަނީ އާންމުންނާއި ވިޔަފާރިތަކަށް ލިބިދާނެ ގެއްލުމަކަށް ރިއާޔަތްކޮށްފައެވެ.

