ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ “އެފޯޑަބަލް ހައުސިން” މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ހައުސިން ޔުނިޓުތަކުގެ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި، އެ މަނިކުފާނުގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި، މި މަޝްރޫޢުގެ ފައިނޭންސަރެއްގެ ގޮތުން ބައިވެރިވާ ބީއެމްއެލްގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 1224 ހައުސިންގް ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ސައިޓަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ މި މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ) ގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްރޫޢުގެ މަސައްކަތް އެއްވެސް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ސީއެމްއީސީގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ. ރައީސްގެ މި އެދިވަޑައިގަތުމާ ގުޅިގެން އެ ކުންފުނީގެ ވެރިން ވަނީ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއްވެސް ތާވަލުކުރެވިފައިވާ ތާރީޚްތަކަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭ ވަނީ ޚާއްޞަ ޚަފްލާއެއް ބާއްވާފައެވެ. މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުތައް ފުއްދުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ..

