ސާފު ބޯފެން ކަށަވަރުވުމަކީ މުޖުތަމަޢުގައި ހަމަހަމަކަން ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި އަދި އަގުހެޔޮ ސާފު ބޯފެން ކަށަވަރު ކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި، ރައްކާތެރިކަމާއި، އަދި ހަމަހަމަ ފުރުޞަތުތަކާ ވަކިނުކުރެވޭނެ ފަދަ ގުޅުމެއް އޮތް ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 22 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ފެނުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ ”ފެން އަދި މިންތި“ އެވެ.
ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ޖަޒީރާ ޤައުމަކަށް ވުމާއެކު، ސާފު ބޯފެން ކަށަވަރު ކުރުމަކީ ޤައުމީ ފެންވަރުގައި ބޮޑު އިސްކަމެއް ދޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ފެނުގެ ނިޒާމަށް ދިމާވާ ގޮންޖެހުންތަކުގައި، ފެން ހޯދުމަށް އަންހެނުންނާއި އަންހެން ކުދިން އުފުލަންޖެހޭ ބުރައަކީ ނުހަނު ބޮޑު ތަކުލީފެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެން ރައްކާތެރިކުރުމަށް މިހާރު ހުރި ނިޒާމުތައް ހަރުދަނާކުރުމާއި، ފެން ފަށަލަ ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ވާރޭފެން ރައްކާކުރުމަށް ކޮމިއުނިޓީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ކްލައިމެޓް ފައިނޭންސިންގ ހޯދުމާއި، ބޯފެން ލޮނުވުމުގެ ހާދިސާތަކުގައި އަމަލުކުރާނޭ ކުއްލި ހާލަތްތަކުގެ ޤަވާއިދުތަކުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައިވަނީ ފެނާ ގުޅުންހުރި ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށެވެ. ”ރައްޔިތުން ބާރުވެރިވުމަކީ ރައްކާތެރި، ވިލުންވެރި އަދި ރަށްރަށް ތަރައްޤީވެ ކުރިއަރައި ދިއުމުގައި އެންމެ މުހިންމު މައިގަނޑު އަސާސް،“ ރައީސް ވިދާޅުވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސާފު ފެން ރައްކާތެރިކުރުމާއި ފެނުގެ ނިޒާމުތައް ހަރުދަނާކުރުމަށް މަދަނީ ޖަމުޢިއްޔާތަކާއި، ޔޫޓިލިޓީ ޚިދުމަތްދޭ ފަރާތްތަކާއި، ތަރައްޤީގެ ބައިވެރިން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުވުމަކީ ހުރިހާ ދިވެހި ރައްޔިތުންނަށް އޮތް ހަމަހަމަ އަދި އުޖާލާ ކުރިމަގެކެވެ.

