ދިވެހިރާއްޖޭގައި އެމަޖެންސީ މެޑިކަލް ސަރވިސަސްއާއެކު ހެލިކޮޕްޓަރުގެ ވިޔަފާރި އޮޕަރޭޝަންތައް ގާއިމުކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ. މިދިޔަ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހުޅުވާލި މި ފުރުސަތުގެ ސުންގަޑި މިހާރު ވަނީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ނިންމީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގިނަ ކުންފުނިތަކަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ. މީގެ އިތުރުން، ޝައުގުވެރިވާ ގިނަ ފަރާތްތަކަކުން ރަސްމީކޮށް އަދި ނުރަސްމީކޮށްވެސް މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްޞަ ޝަރުތުތަކަކާއެކުގައެވެ. އެގޮތުން ސިއްޙީ ކުއްލި ޙާލަތްތަކުގައި ފުރަތަމަ ތިން އަހަރު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް ޚިދުމަތް ދޭންޖެހޭނެއެވެ. ނަމަވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށްގެންދާނީ ސަރުކާރުން އަގު އަދާކުރާގޮތަށް ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި މަސައްކަތަށް ހޮވޭ އޮޕަރޭޓަރުންނަށް ރާއްޖޭގައި ޚިދުމަތް ދިނުމަށް އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ޚިދުމަތް ދޭންވާނީ ރާއްޖޭގެ އޭވިއޭޝަން އޮޕަރޭޓަރެއް ނުވަތަ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ ހެލިކޮޕްޓަރު އޮޕަރޭޝަންގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ހުރި ކުންފުނިތަކަށެވެ.
ސަރުކާރުގެ ތާވަލުގައިވާ ގޮތުން، އަންނަ ޖޫން މަހުގެ މެދުތެރޭގައި ކޮންޓްރެކްޓްތަކުގައި ސޮއިކޮށް، ކުންފުނިތަކަށް ހުއްދަ ދޫކުރެވޭނެއެވެ. އަދި ހުއްދަ ދޭ ތާރީޚުން ފެށިގެން އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު 1 ގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށަންޖެހޭނެއެވެ.

