ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، އެ ތަކެތީގެ އަގުތައް މައްޗަށް ނުދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ކުރިންވެސް ރާއްޖޭގެ ކާބޯތަކެތީގެ ހާލަތު އޮތް ގޮތަށް މިހާރުވެސް އެކަން ދެމިއޮތް ކަމަށެވެ. ވަކިން ހާއްސަކޮށް ހަނޑޫ، ހަކުރު އަދި ފުށް އެއްވެސް ދަތިކަމެއް ނެތި ކުރިންވެސް ގެންނަ މިންވަރަށް ރާއްޖެއަށް ގެނެސް، ސްޓޮކް ބެލެހެއްޓެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، “ތެލުގެ އަގު ދަނީ ކުޑަވެ ބޮޑުވަމުން މި ހަނގުރާމައިގެ ތެރޭގައި. ކޮންމެ ދުވަހަކު ވެސް ތަފާތުތަކެއް އެބަ އާދޭ. އޭގެ ސަބަބުން އަންނާނެ ލޮޅުންތައް ވަރަށް ރަނގަޅަށް މި ދަނީ ބަލަމުން،” ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށްޓަކައި އަމިއްލަ ސެކްޓަރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިދިޔަ މާޗް މަހުގެ 18 އާ ހަމައަށް ރާއްޖޭގެ ގްރޮސް ރިޒާވް ހުރީ މީގެ ކުރިން ނުދާ މިންވަރަށް މަތީގައި ކަމަށެވެ. އެގޮތުން ގްރޮސް ރިޒާވް 1.2 ބިލިއަން ޑޮލަރަށް ވުރެ މަތީގައި ހުރިއިރު، ޔޫސަބަލް ރިޒާވް 300 މިލިއަން ޑޮލަރަށް ވުރެ މަތީގައި ހުރިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ދައުލަތުން ދައްކަންޖެހޭ ސްކޫކް ޕޭމަންޓްތައް ދެއްކުމުގައި އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ވަރަށް ގާތުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

