ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށްޓަކައި ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހަމައެކަނި ގަވާއިދެއް ނުވަތަ އުސޫލެއްގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ބިލު އެކުލަވާލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ކުރިއަށް އެބަގެންދެއެވެ. އަދި އެ ބިލުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި އެ ބިލު ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ބަންޑާރަ ނައިބުގެ އޮފީހުން އެބަ ކުރިއަށް ގެންދަން، މިފަދަ ފަރާތްތަކަށް މަރުގެ ހުކުމް ތަންފީޒުކުރަން ހާއްސަ ގާނޫނެއް ގެނައުމަށްޓަކައި އެކަމާ ބެހޭ ބިލެއް ތައްޔާރުކުރަން. އެ ބިލު މިހާރު ނިމުމުގެ މަރުހަލާގައި ވަނީ،“ ރައީސް ވިދާޅުވިއެވެ.
ހުކުމް ތަންފީޒު ނުކުރުމަކީ ލިބިދޭ އިހުތިޔާރެއް ނޫންރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވެނީ ޝަރުއީ ތިން މަރުހަލާ ނިމިގެންނެވެ. މިހާރުވެސް ތިން މަރުހަލާއިން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު ތިބި ނަމަވެސް، ގާނޫނީ އޮނިގަނޑުގެ ތެރެއިން މިފަހަކަށް އައިސް އެފަދަ ހުކުމެއް ތަންފީޒުކޮށްފައެއް ނުވެއެވެ. ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ނުކޮށް ބޭއްވުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް އިހުތިޔާރެއް ނޫން ކަމަށެވެ.
“ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް ޗޮއިސްއެއް ނޫން. މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭ ފަރާތަކަށް، ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހަކު މަރުގެ ހުކުމް ތަންފީޒުނުކޮށް ބޭއްވުމަކީ،” ރައީސް އިތުރަށް ވިދާޅުވިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅައި ފާސްވެގެން ދިއުމުން، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ލިބިގެންދާނެއެވެ.

