ފިޔަވަހިތަކަކަށް ބަހާލައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ގައުމީ ތެޔޮ ރިޒާވްއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގައި ހުރި ނާޒުކުކަން ހައްލުކުރުމަށްޓަކައި ދުރު ރާސްތާއަށް ރާވައިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން، ތިން މަރުހަލާއަކަށް ބަހާލައިގެން ރާއްޖޭގެ ތިން ހިސާބެއްގައި ތެޔޮ ރިޒާވްތަކެއް ގާއިމުކުރުމަކީ މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ކޮންމެ ދޮޅު އަހަރަކުން ނުވަތަ ދެ އަހަރަކުން އެއް ފިޔަވަހި ނިންމައި، ކުރިއަށް އޮތް ފަސް އަހަރު ނުވަތަ ހަ އަހަރު ދުވަހުގެ ތެރޭގައި މުޅި މަސައްކަތް އެއްކޮށް ފުރިހަމަކުރެވޭނެ ގޮތަށެވެ. މިހާރު ކުރިއަށްދަނީ މި މަސައްކަތް ކުރިއަށްގެންދާނެ ގޮތް ރާވައި، އެކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވައިލުމުގެ މަރުހަލާ ކަމަށް ރައީސް ވިދާޅުވިއެވެ.
“ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމަށް ކުރެވޭނެ މަސައްކަތްތައް ދިރާސާކުރުމުގެ މަސައްކަތް މިއޮތީ ފެށިފައި. އޭގެ އައިޑިއާއަކީ ރާއްޖޭގެ ތިން ސަރަހައްދެއްގަައި އިރާދަކުރެއްވިއްޔާ، މިއީ އެއް އަހަރަކުން ނޫނީ ދެ އަހަރަކުން ކުރެވޭނެ ކަމެއް ނޫން، އެހެންވީމާ ތިން ފޭސްއަކަށް ބަަހާލައިގެން ދޮޅު އަހަރުން ނުވަތަ ދެ އަހަރުން ފޭސްއެއް ނިންމޭ ގޮތަށް އޮއިލް ރިޒާވްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރުން،” ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ކޮންމެ މަރުހަލާއަކަށް ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކޮންމެ މަރުހަލާއެއްގައިވެސް ދެމެހެއްޓެނެވިކަމާއި، އިގުތިސާދީ ގޮތުން އެކަމެއްގެ ފީސިބިލިޓީއަށް ބަލައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.
މި ތެޔޮ ރިޒާވް ވެގެންދާނީ ސޮވެރިން ޑިވެލޮޕްމެންޓު ފަދަ ފަންޑަކަށް ނުވަތަ ރިޒާވަކަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގެ ޕްލޭން ރާވައި ނިމުމުން، އެކަމުގެ އިތުރު ތަފުސީލުތައް މީޑިޔާއާ ހިއްސާކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

