ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނައިރު ދިރާސާ ކުރަމުންދާ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ މަޖިލިސް މެންބަރުންގެ ތެރޭގައި 30 އަހަރުން ދަށުގެ ޒުވާނުންނަށް ވަކި ހާއްސަ ކޯޓާއެއް ނުވަތަ އިންސައްތައެއް ކަނޑައެޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މިހާރު ނޯންނާނެ ވަކި އިންސައްތައެއް ޒުވާނުންނަށް ހަދާކަށް. މަޖިލިސް މެމްބަރުންގެ ތެރެއިން ވަކި އަދަދެއް ޒުވާނުންގެ ގޮތުގައި ކަނޑައެޅުމަށް،” ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު އޮންނަ ގޮތުން ކޮންމެ 5،000 ރައްޔިތަކަށް މެންބަރަކު އިތުރުވާތީ އެ އަދަދު 100 އަށް ވުރެ މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެކަން ހައްލު ކުރެވޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، ރިޔާސީ އިންތިހާބު އެއްބުރުން ބޭއްވުމާ ގުޅޭގޮތުން ވެސް ދިރާސާތައް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެމްބަރު 11 ކަމުގައި ހަމަޖެއްސުމަކީ ވެސް މި ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ހުރިހާ ބަދަލުތަކެއް ގެނައުމުގައި ރައްޔިތުން ނިންމަވާ ގޮތެއްގެ މައްޗަށް ބިނާކޮށް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

