ސަރުކާރުން އަލަށް ތައާރަފްކުރުމަށް ނިންމާފައިވާ “މާލެ ޓެކްސީ” ލައިނުގެ ހިދުމަތަށް ހާއްސަ ހޮޓްލައިން ނަމްބަރެއްގެ ގޮތުގައި 1655 ކަނޑައަޅައިފިއެވެ. މި ހިދުމަތަކީ ދަތުރުފަތުރުގެ ނިޒާމަށް ގެންނަ ބޮޑު ބަދަލެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމުގެ މަސްއޫލިއްޔަތު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެމްޓީސީސީން މިއަދު ހާމަކުރި ގޮތުގައި، ޓެކްސީ ހިދުމަތާ ގުޅޭ ކަންކަމުގައި މުއާމަލާތް ކުރުމަށް މިހާރު 1655 ނަމްބަރު ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުން މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ ޒަމާނީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. 24 ގަޑިއިރު މެދުނުކެނޑި ދިނުމަށް ހަމަޖެހިފައިވާ މި ހިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ވެހިކަލް (EV) ތަކެކެވެ. ނަމަވެސް، މި ހިދުމަތް ރަސްމީކޮށް ފަށާނެ ތާރީހެއް ސަރުކާރުން އަދި އިއުލާނެއް ނުކުރެއެވެ.
ރާއްޖޭގައި މިހާރު ދެމުންދާ ޓެކްސީގެ ހިދުމަތްތަކާ ގުޅިގެން އާންމުންގެ ބޮޑެތި ޝަކުވާތަކެއް ހުރިކަން ސަރުކާރުން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ދަތުރުތައް ނުނެގުމާއި، ޑްރައިވަރުން ބޭނުންވާ ވަގުތެއްގައި ހިދުމަތް މެދުކަނޑާލުމާއި، އަދި އެއްވެސް ކޮންޓްރޯލެއް ނެތި ހިދުމަތް ދެމުންދިއުން ހިމެނެއެވެ.
ސަރުކާރުގެ ޓެކްސީލައިން ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ މިހާރު ހުރި މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް އިތުބާރު ހުރި އަދި ފަސޭހަ ޓެކްސީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

