ގދ. ތިނަދޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވައްސާއި، އެ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ތިނަދޫގައި މިއަދު ބޭއްވި ވަކިވަކިން ދެ ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ.
ތިނަދޫ ސިޓީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 50 މަގެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ގާތްގަނޑަކަށް 19.3 ކިލޯމީޓަރުގެ ސަރަހައްދެކެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ އިތުރުން ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން މައުލޫމާތު ދެއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަގު ހެދުމުގެ މަޝްރޫއު 1،440 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ ތިނަދޫ ސިޓީގެ އުމްރާނީ ތަރައްގީއަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން، ތިނަދޫގައި އަލަށް އިމާރާތްކުރާ 50 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށާފައެވެ. ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ބިނާކުރަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫއު 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ތިނަދޫގައި ކުރިން އިއުލާންކުރި 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1،022 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. މިހާރު ކުރިއަށްދަނީ އެ އެޕްލިކޭޝަންތައް އިވެލުއޭޓުކުރުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ނިމުމުން ހައުސިން ޔުނިޓުތައް ހައްގުވާ ފަރާތްތަކުގެ ލިސްޓު އާއްމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

