އއ. ތޮއްޑޫ، ފޮރިންވިލާގެ ފާތިމަތު ސައީދާ (66 އަހަރު) އަކީ ސީއޯޕީޑީ (ފުއްޕާމޭގެ، ނޭވާލުމަށް އުނދަގޫކުރާ ދާއިމީ ބައްޔެއް) ހުރުމާއެކު މިހާރު އޯވަރީގެ ކެންސަރުގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "އެޑްވާންސްޑް އޯވަރިއަން ކާސިނޯސާކޯމާ" ޖެހި، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ބަލި ފެތުރިފައިވާތީ ކެންސަރުގެ ފަރުވާ ހޯއްދަވަމުން ގެންދާ ފަރާތެކެވެ.
އެންމެ ފުރަތަމަ ކުޑަކަމުދާއިރު ލޭ އަންނަން ފެށިކަމަށާއި އެގޮތަށް ވާން ފެށުމުން ތޮއްޑޫގައި ޑޮކްޓަރަކަށް ސައީދާ ދެއްކިއެވެ. އިތުރަށް ބެލުމަށް ޑޮކްޓަރުން ދިން ލަފައާއެކު ރަސްދޫއަށް ގޮސް އިންޓަރނަލް މެޑިސިން އަދި ގައިނީ ސްޕެޝަލިސްޓަކަށް ދެއްކި ކަމަށާއި އެ ޑޮކްޓަރު ސްކޭން ކުރުމަށްފަހު ބޮޑު ސިސްޓެއް ބަނޑުގަައި ހުރިކަމަށް ފާހަގަކުރިކަމަށެވެ. އަދި އެހިސާބުން ފެށިގެން ސައީދާއަށް ފަރުވާ ދޭން ފެށިއެވެ.
ބަލީގެ ސީރިއަސްކަމުން، ނޮވެމްބަރު 2024 އިން ފެށިގެން ސަައީދާ ވަނީ ގިނަގުނަ އޮޕަރޭޝަންތަކެއް ތަހައްމަލުކޮށްފައެވެ. އައި.ޖީ.އެމް.އެޗް ގައި ކުރެވުނު ބޮޑު އޮޕަރޭޝަނަށްފަހު ދިމާވި ސިއްހީ ނުރައްކާތަކާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ބަނޑުގެ އިތުރު ހަތަރު ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. މީގެ ތެރޭގައި ގޮހޮރުގެ މައްސަލަތަކާއި ބަނޑުގެ ފާރުތައް ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ. (އެގޮތުން 2 ޑިސެމްބަރު 2024 ގައި ގޮހޮރުގެ ތިރީބައި ފޫގޮސްފައި ހުރުމުން ކުއްލި ހާލަތުގައި އޮޕަރޭޝަނެއްކޮށް އެތަން މަރާމާތު ކުރެވުނެވެ. އޭގެ ފަހުން 6 ޑިސެމްބަރުގައި ބަނޑުގެ ފާރު ފަޅައިގެން ގޮސް ބޮޑުކަމުދާ ތަކެތި ބޭރުވާތީ ގޮހޮރުގެ ހާޓްމަންސް އޮޕަރޭޝަން ކުރެވުނެވެ. 10 ޑިސެމްބަރުގައި ބޮޑުކަމުދާ ތަކެތި ބޭރުކުރަން ހަދާފައިވާ ލޯވަޅަށް މައްސަލަ ދިމާވެ ގޮހޮރު ބެދުމުން އެތަން އަލުން ރަނގަޅުކޮށް ބަނޑު ހުޅުވާފައި ބެހެއްޓުމަށް ބޮގޯޓާ ބޭގް އެޅުވުނެވެ. އަދި 15 ޑިސެމްބަރުގައި ގޮހޮރު ތަތްވެ ބެދުމުގެ ސަބަބުން ގޮހޮރުގެ ބައެއް ބޭރަށް ނެރެ ބަނޑުގެ ފާރު ބަންދުކުރެވުނެވެ. މި ފާރުތައް އަވަހަށް ފަސޭހަކުރުމަށްޓަކައި ހައިޕަރބަރިކް އޮކްސިޖަން ތެރަޕީގެ 20 ސެޝަން ދެވުނެވެ.)
"މި އުނދަގޫ ދަނޑިވަޅުގައިވެސް މަންމަ ދެއްކި ހިތްވަރަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް މަންމައާމެދު ފަޚުރުވެރިވާ ކަމެކެވެ." އާއިލާ
ކީމޯތެރަޕީގެ ހަ ބުރު ފުރިހަމަކުރުމަށްފަހު، 2025 ވަނަ އަހަރުގެ މެދުތެރޭގައި ހެދި ސްކޭންތަކުން ބަލީގެ ނިޝާންތައް ފިލައިގެން ގޮސްފައިވާކަމުގެ އުންމީދީ ނަތީޖާއެއް ފެނުނެވެ. ނަމަވެސް، ފެބްރުއަރީ 2026 ގައި ހެދި ފޮލޯ-އަޕް ސްކޭނުން ދައްކާގޮތުގައި ބަލި އަލުން ވަނީ ފެންނަން ފަށާފައެވެ. މިއީ ސައީދާގެ ފަރުވާގެ ދަތުރުގައި އަނެއްކާވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ބަލި އަލުން ފެތުރެން ފެށުމަކީ އިތުރު ވަރުގަދަ ފަރުވާތަކެއް އަވަސް ފުރުސަތެއްގައި ބޭނުންވާ ކަމެކެވެ.
ކެންސަރު ފަދަ ބޮޑު ބައްޔަކަށް ފަރުވާ ކުރުމަކީ، މެދުފަންތީގެ އާއިލާއަކަށް، ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ފަސޭހަ ކަމެއް ނޫނެވެ. އާއިލާއިން މައުލޫމާތު ދިން ގޮތުގައި، މިހާތަނަށް ކުރެވުނު ގިނަ އޮޕަރޭޝަންތަކާއި، ކީމޯތެރަޕީ އަދި ހާއްސަ ތެރަޕީތަކަށް ބޮޑު ހޭދައެއް ވަނީ ކުރެވިފައެވެ. އާސަންދަ އެންސްޕާ އަދި ޒަކާތުފަންޑާއި އާންމު ރައްޔިތުންގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ލިބިގެން ފަރުވާ ކުރިއަށް ގެންދެވުނުކަން ވެސް އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.
އަދި އޭގެ ފަހުން އަނެއްކާވެސް އާއިލާގެ ހުރިހާ އެންމެން އެކުވެގެން ހަރަދުތައް ބެލެހެއްޓުނު ނަމަވެސް އަނެއްކާވެސް މިތިބީ ހެޔޮއެދޭ އަޚުންނާއި އުޚުތުންގެ ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ. ބަލި އަލުން ފެންނަން ފެށުމާއެކު، ކުރިއަށް ހުރި ފަރުވާތަކަށް ދީލަތި އެހީތެރިކަން ބޭނުންވެފައެވެ.
ސައީދާގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އެހެން އެތައްކަމަކަށް އެހީތެރިކަން ބޭނުންވާކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ؛ އާންމު ރައްޔިތުންގެ ބޭސްފަރުވާއަށް ސަރުކާރުން އެހީ ދެނީ އާސަންދައިން އަދި އެންސްޕާއިންނެވެ. އާސަންދައިން ހަމައެކަނި ފަރުވާގެ ކަންކަން ކަވަރ ކޮށްދޭއިރު އެންސްޕާއިން ހަމަޖައްސައިދެނީ، ބަލިމީހާ އާއި އެހީތެރިޔަކަށް ދޭ ޓިކެޓެވެ. (ސައީދާއަށް އަދި އެންސްޕާ ހަމަނުޖެހެއެވެ.)
"ހަގީގަތުގައި، މަންމަގެ ހާލަތު ހުރި ގޮތުން ކުޑަކުޑަކޮށް ހިނގާ އުޅެވުނު ނަމަވެސް މަންމައާއެކު އަބަދުވެސް އެހީތެރިއަކު ހުރުން މުހިންމެވެ. އަޅުގަނޑު އެކަނި މަންމަ ގޮވައިގެން ރާއްޖެއިން ބޭރަށް ގޮސް އުޅޭއިރު އިތުރު މީހެއްގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވާނެކަން ޔަގީން." އާއިލާގެ ފަރާތުން
އެހެންނަމަވެސް އިތުރު މީހަކަށް ޓިކެޓް ދީގެން ގެންދާނެ ފުދުންތެރިކަމެއް ވެސް ނެތްކަމަށާއި އަދި ހަމައެހެންމެ މިހާބޮޑު ފަރުވާއަކަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައިތިބެން ޖެހޭއިރު ކެއިން ބުއިމާއި ހުރުން ދަތުރުފަތުރުގެ ކަންކަމަށްވެސް އެހީތެރިކަން މިވަނީ ނިހާޔަތަށް ބޭނުންވެފައެވެ. މީގެ ކުރިން ސައީދާގެ ފަރުވައަށް، އެމީހުން އަތުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުރިއިރު ހުރިހާ ކަމެއް ކުރަމުންދިޔައީ އާއިލާގެ އެންމެން އެކުވެގެން ްއެކީގައެބެ. އެހެންނަމަވެސް މިހާރު އަތުގައި ރައްކާވެފައި އެއްވެސް ފައިސާއެއް ނެތެވެ. އާދައިގެ މެދުފަންތީގެ އާއިލާއަކަށްވާއިރު މިފަދަ ހާލަތަކަށް ދިއުމުން ހެޔޮއެދޭ އަޚުންނާއި އުޚުތުންގެ އެހީ ބޭނުންވެއެވެ.
"މަންމަގެ ހެޔޮހާލުގައި އަޅުގަނޑުމެންނަށް ދުނިޔޭގެ ހުރިހާ އުފަލަކާއި ހަމަޖެހުމެއް ހޯދައިދީ ހެޔޮލަފާ ތަރުބިއްޔަތެއް ދީ އަޅުގަނޑުމެންނަށް މަގު ދައްކައިދިނުމުގައި ސާބިތުވެ ހުރީ ނުހަނު ކެރިހުރެގެންނެވެ. މަންމަގެ އެއްވެސް ހިދުމަތެއްގެ ބަދަލު އަޅުގަޑުމެން އުމުރު މަންމައަށްހޭހަން ކުރިކަމުގައިވިޔަސް މަންމަ ކޮށްދިން ހިދުމަތާއި ދިން ލޯބީގެ ބަދަލެއް ނުދެވޭނެއެވެ. އެހެންވިޔަސް އަދި އެހެންނޫނަސް މަންމައަކީ މަންމައެވެ. މަންމަގެ ގައިގަ ވޭން އަޅާތަން ފެނުމުން އަޅުގަނޑުމެނަށް އަސަރުކުރެއެވެ." އާއިލާ
"ތިޔަ ލޮބުވެތި ރައްޔިތުންގެ ދީލަތި އެހީއާ އެކު މިހާތަނަށް ވެސް މަންމަގެ ފަރުވާ ކުރެވިފައިވަނީ. އަދި މިހާރު ވެސް މި އެދެނީ ތިޔަ ލޮބިވެތި ރައްޔިތުންގެ ދީލަތި އެހީތެރިކަމަށެވެ." އާއިލާ
ސައީދާގެ ފަރުވާއަށް އެހީތެރިކަމެއް ދެވެން އޮތް މިންވަރަކުން އެހީތެރިވެދެއްވުމަކީ އެއާއިލާގެ ވަރަށްވެސް ބޮޑު އާދޭހެކެވެ،
ﷲ ތައާލާ ދީލަތި ހިތަކުން ކުރާ ހޭދަ ބޭކާރު ނުކުރައްވަތެވެ. އޭގެ ހެޔޮ ޖަޒާ މިބިންމަތީގައި ދެއްވާނެކަން ޔަގީނެވެ.
އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވިދާނެއެވެ:
-
ބީއެމްއެލް: 7730000325350 fathimath saeeda ފާތިމަތު ސައީދާ
-
ޑޮލަރު އެކައުންޓް: 7730000368638 (ވިރުޒާނާ އަލީ / މާމަ ދަރިފުޅު)
-
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9525118 (އައިޝަތު ޝިޒުނީ) ނަންބަރާ ގުޅުއްވުން އެދެވިގެންވެއެވެ.
(ސައީދާގެ މެޑިކަލް ލިޔުންތައް؛ ޑޮކްޓަރުންގެ ރިޕޯޓުތަކާއި ލިޔުންތައް ޕީޑީއެފްކޮށް އަދި ބައެއް ލިޔުންތައް ފޮޓޯގެ ގޮތުގައި ؛ ތިރީގައި)
Recommendation form ލިޔުން ޕީޑީއެފް ކޮށް
PET-CT Report ލިޔުން ޕީޑީއެފްކޮށް
ADK – Spine ލިޔުން ޕީޑީއެފްކޮށް
ADK – Left Femur ލިޔުން ޕީޑީއެފްކޮށް





