މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓް ދޭކުން ފަހަކަށް ހިމެނޭ ސަރަހައްދުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.
މި ފިޔަވަހީގެ ދަށުން މަސައްކަތް ކުރިއަށްދާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށެވެ. މިހާރު ކުރިއަށްދަނީ ބާސެލޯ ނަސަންދުރަ އިން ފެށިގެން ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅޭ ކަންމައްޗާ ހަމައަށް ހިމެނޭ ސަރަހައްދުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން، ހެންވޭރު ފެރީ ޓާމިނަލް އާއި މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދުގެ ކުއޭ ވޯލް ތަޅާލުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން މަގުގައި ތާރު އަޅައި ސަބްބޭސް ތައްޔާރުކުރުމުގެ އިތުރުން، ހިނގާ މީހުންނަށް ހާއްސަ ލޭނެއް ގާއިމުކުރުމާއި، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެއެވެ.
މި މަޝްރޫއުގެ ފުރަތަމަ ދެ ސެގްމެންޓުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. މިއަދު ފެށި ތިން ވަނަ ސެގްމެންޓުން ފަސް ވަނަ ސެގްމެންޓާ ހަމައަށް ހިމެނޭ މަސައްކަތްތައް ނިމުމުން، މާލޭގެ އިރުމަތީ ފަރާތުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

