ބަލީގެ ނިސްބަތުން ޓިއުބަރކިއުލޯސިސް ނުވަތަ ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަހުރުވެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާކޮށްގެން ފަސޭހަވާ ބައްޔެއް ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔަކަށް މިބަލީގެ ނުރައްކާ އަދިވެސް ކުރިމަތިވަމުންދާ ކަމަށެވެ. މި ބަލި ނައްތާލުމަށްޓަކައި ހަރުދަނާ ސިއްހީ ނިޒާމެއްގެ މުހިންމުކަމާއި، ބަލި ކުރިއާލާ ދެނެގަތުމުގެ އިތުރުން މުޖުތަމައުގެ ފުރިހަމަ ބައިވެރިވުން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ޓީބީ ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބަލި ދެނެގަތުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމާއި، ބަލި ދެނެގަންނަ ޓެސްޓުތަކާއި ފަރުވާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އަޅާލުން ކަށަވަރުކޮށްދިނުމުގައި ރާއްޖެއިން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 24 ވަނަ ދުވަސް ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ޓީބީ ނުވަތަ ކެއްސުން ބައްޔަކީ މައިކްރޯބެކްޓީރިއަލ ޓިއުބަކިއުލޯސިސް ކިޔާ ޖަރާސީމަކުން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެއް ނަމަވެސް، އާންމުކޮށް މި ބަލީގެ އަސަރު ކުރަނީ ފުއްޕާމެޔަށެވެ. މީގެ އިތުރުން ގޮހޮރު، މައިބަދަ އަދި ކަށި ފަދަ ގުނަވަންތަކަށް ވެސް މި ބަލީގެ އަސަރު ފޯރަފާނެ އެވެ.
ރާއްޖޭގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ޓީބީ މަދުކުރެވިފައިވާ ގައުމަކަށް ރާއްޖެ ހެދުމެވެ. ރައީސްގެ ޕޯސްޓު ނިންމަވާލެއްވީ ބަލިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސިއްހީ ހިދުމަތްތެރިންނާއި މުޖުތަމައާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް އާކުރައްވަމުންނެވެ.

