ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔަޑް) އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވުމާ ގުޅިގެން، އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، ޝަކޫރު އަވަހާރަވި ހަބަރު އެމަނިކުފާނު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
އަބްދުއްޝަކޫރު އަބްދުﷲ އަކީ 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވަނީ ޝަކޫރަކީ ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއްކަން ފާހަގަކުރައްވާފައެވެ.
ޝަކޫރަކީ މުޅި ހަޔާތްޕުޅުގައިވެސް ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް ކަމަށް ސިފަކުރައްވަމުން ރައީސް ވިދާޅުވީ “ހިތާމައިގެ މި ވަގުތު، އެ އާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތައުޒިޔާ ދަންނަވަން. އަދި މާތްﷲގެ ތަނަވަސް ރަހުމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް އަބްދުއްޝަކޫރު އަބްދުﷲ ލެހެއްޓެވުން އެދި ހެޔޮ ދުއާކުރަން،” ކަމަށެވެ.
އަބްދުއްޝަކޫރު އަބްދުﷲ އަކީ ދިވެހި ފުލުހުންގެ ހިދުމަތުގައި ވަރަށް އިސް މަގާމުތަކެއް ފުރުއްވައި، ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

