އޭޝިޔާއާއި އެފުރިކާގެ ބައެއް ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރު ކަމަށްވާ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވި، މިހާރު އެ އެއްބަސްވުމަށް އަމަލުކުރެވެމުންދާ ކަމަށެވެ. ޗައިނާއަކީ ގިނަ ބާވަތްތަކުގެ މުދާ އުފައްދާ ގައުމަކަށްވާއިރު، ބޭނުންވާ ކޮންމެ ކަމެއްގައި އެ ގައުމުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސައީދު ވިދާޅުވިއެވެ.
“ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާއެކު އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ވާހަކަދެެކެވޭ. ބޭނުން އިރެއްގައި މުދާ ލިބުމުގައި އިންތިޒާމެއް ހަމަޖައްސަންވެެއްޖެނަމަ އެކަން ކުރެވޭ ހިސާބުގައި މިތިބެނީ،” ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މެލޭޝިޔާ، އިންޑޮނޭޝިޔާ، ތައިލޭންޑް އަދި ކެމްބޯޑިއާ ފަދަ އޭޝިޔާގެ ގައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތް ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރިން ވިޔަފާރީގެ ގުޅުން ގާއިމުވެފައި ނެތް އެފުރިކާގެ ބައެއް ގައުމުތަކާއެކު ވެސް އައު ގުޅުންތައް އުފެއްދުމަށް ސަރުކާރުން އިސްކަންދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިގުތިސާދީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން، ދަތުރުފަތުރާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއާ ގުޅިގެން ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއާ ގުޅުވައިދޭ ލިންކުތައް ވަރުގަދަކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެފުރިކާގެ ވަރުގަދަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ވެސް ވަޒީރު ސައީދު މައުލޫމާތު ދެއްވިއެވެ.

