ޓީބީ ބަލި ޖެހިފައިވާ ބަލި މީހުންނާއިމެދު ދެކޭ ނަޒަރިއްޔާ ބަދަލުކޮށް އޯގާތެރިކަން އިސްކުރަންޖެހޭ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން މެޑަމް ސާޖިދާ ދެއްވި މެސެޖުގައި ވިދާޅުވީ، ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޓީބީ ބަލިޖެހިފައިވާ މީހުންނަކީ ހަމައެކަނި ތަފާސްހިސާބުތަކުން ދައްކާލާ އަދަދުތަކެއް ނޫން ކަމަށެވެ. ބަލިޖެހޭ ކޮންމެ މީހަކު އެ މީހެއްގެ އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ބުރޫއަރައި، އާއިލާއަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުރިމަގަށް ރާވާފައިވާ ކަންކަން މެދުކަނޑާލަން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޓީބީގެ ފަރުވާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، “ޓީބީއަކީ ދުރާލައި ރައްކާތެރިވެވޭ އަދި ފަރުވާކޮށްގެން ފަސޭހަވާ ބައްޔެއް ނަމަވެސް، މުޖުތަމައުގައި މި ބައްޔާ މެދު އޮންނަ ނުރަނގަޅު ތަސައްވުރާއި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، ގިނަ ބަޔަކަށް އެކަށީގެންވާ ވަގުތުގައި ފަރުވާ ހޯދުމަށް ހުރަސްތަކާ ކުރިމަތިވޭ،” ކަމަށެވެ.
މީގެ އިތުރުން އެކަމަނާ ވިދާޅުވީ މި ބަލި ނައްތާލުމަކީ ހަމައެކަނި ބޭސްފަރުވާ ކުރުމެއް ނޫން ކަމަށެވެ. އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ މުޖުތަމައެއް ބިނާކުރުމާއި، ބައްޔާ ބެހޭ ސައްހަ މައުލޫމާތު ފެތުރުމާއި، ބަލިމީހާއާ މެދު ދެކޭ ނަޒަރިއްޔާ ބަދަލުކޮށް އޯގާތެރިކަން އިސްކުރަން ޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅު ނިންމަވާލެއްވީ މި ބައްޔާއި ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. އެގޮތަށް މަސައްކަތް ކޮށްފިނަމަ، ރައްކާތެރިވެވޭނެ ގޮތާއި ފަރުވާ އެނގޭ ބައްޔެއްގެ ސަބަބުން އެއްވެސް މީހަކު އިތުރަށް ތަކުލީފު އުފުލަން ނުޖެހޭނެކަން ކަށަވަރު ކުރެވޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

