ޓެކްސީ ލައިނަށް ޕާޓް ޓައިމް ޑްރައިވަރުން ހޯދަނީ؛ ރަޖިސްޓަރީ ވެވޭނީ ޕޯޓަލް މެދުވެރިކޮށް


އެމްޓީސީސީން ވިދާޅުވީ، މާލެ ޓެކްސީ ލައިންގެ ޚިދުމަތާ ގުޅުމަށް ބޭނުންވާ ޕާޓް-ޓައިމް ޑްރައިވަރުންނަށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ޚިދުމަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީ ވާންޖެހޭނީ އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް https://drivers.mtcc.com.mv މެދުވެރިކޮށެވެ.
ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މީގެ ތެރެއިން 122 ޑްރައިވަރުން ހޯދުމަށް ހަމަޖެހިފައިވަނީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ ފުލްޓައިމްކޮށް މަސައްކަތް ކުރުމަށެވެ.
މި މަގާމުތަކަށް މީހުން ހޮވުމަށްޓަކައި އެމްޓީސީސީން ދަނީ ވޯކް-އިން އިންޓަވިއުތައް ބާއްވަމުންނެވެ. އެގޮތުން އިއްޔެވެސް ވަނީ ޑްރައިވަރުން ހޯދުމަށް ޚާއްސަ ވޯކް-އިން އިންޓަވިއުއެއް ކުރިއަށް ގެންގޮސްފައެވެ.
ޓެކްސީ ލައިންގެ ޚިދުމަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އެމްޓީސީސީން މިހާރު ވަނީ ޚާއްސަ ހޮޓްލައިންއެއްގެ ގޮތުގައި 1655 ކަނޑައަޅާފައެވެ. ސަރުކާރުން މި ޚިދުމަތް ދިނުމަށް ނިންމާފައިވަނީ މިހާރުވެސް ބޭނުންކުރަމުންދާ ޕްރައިވެޓް ޓެކްސީ އެޕްލިކޭޝަންތަކާ އެއްފަދައިން، ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.