ދައުލަތުގެ ވަޒީފާތަކުގައި އުމުރުން 75 އަހަރު ވަންދެން ދެމިހުރެވޭ ގޮތަށް ރީ-އެމްޕްލޯއިމަންޓް ގާނޫނަށް ގެނައި އިސްލާހާ ގުޅޭ ގަވާއިދު މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އެ ބަދަލަށް އަމަލުކުރަން ފަށައިފިއެވެ. މި އިސްލާހަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ބަދަލެކެވެ.
މި އައު ގަވާއިދު ތަންފީޒު ކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއަށެވެ. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މި ގާނޫނު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކުރިން އަދާކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. ނަމަވެސް، ސިފައިން، ފުލުހުން، ފަނޑިޔާރުން އަދި ގާނޫނުއަސާސީގެ ދަށުން އައްޔަންކުރާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މި އުސޫލުން އިސްތިސްނާވާނެއެވެ.
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ އުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި، ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް އަލުން ވަޒީފާ ހޯދުމުގެ ފުރުސަތު މި ގަވާއިދުގެ ދަށުން ވަނީ ހުޅުވާލާފައެވެ.
ވަޒީފާގައި ދެމިހުންނަން ބޭނުންވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ވެސް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އުމުރުން 65 އަހަރުވާއިރު ވަޒީފާގައި ހުރި މީހެއްނަމަ، އޭގެ ފަހުން ވެސް ވަޒީފާގައި ހުންނަން ބޭނުންވާކަން 65 އަހަރު ފުރުމުގެ 5 މަސް ކުރިން އަންގަންޖެހޭނެއެވެ. އަދި މިފަދަ ހުށަހެޅުމެއް ލިބޭތާ ގިނަވެގެން 2 މަސް ދުވަހުގެ ތެރޭގައި އެ އިދާރާއަކުން ގޮތެއް ނިންމަންވާނެއެވެ.
މި އުސޫލުގެ ދަށުން ވަޒީފާ ހަމަޖައްސާނީ ކޮންމެ އަހަރަކު އެއްފަހަރު އައުކުރާ ގޮތަށް، 12 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މި ފުރުސަތު ދެވޭނީ ވަޒީފާއަށް އެދޭ ތާރީޚާއި 75 އަހަރު ފުރުމާ ދެމެދު މަދުވެގެން 13 މަސް ދުވަސް އޮތް ފަރާތްތަކަށެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، “މި އިސްލާހުގެ އެންމެ މުހިންމު ބޭނުމަކީ ގާބިލު މީހުންނާއި ގައުމުގެ ތަރައްގީއަށް ބޭނުންހިފޭ ހުނަރުވެރި މީހުންނަށް ހިދުމަތްކުރުމުގައި ދެމިތިބުމަށް ފުރުސަތު ދިނުމެވެ.” މި ބަދަލާއެކު ތަޖުރިބާކާރު މުވައްޒަފުންގެ ހިދުމަތް ދައުލަތަށް ގިނަ ދުވަހު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

