ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަހައްދުތަކުގައި ރާއްޖެއަށް ލިބިދޭ ސިޔާދަތީ ބާރުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޑިފެންސްއިން މިއަދު ތަފްސީލީ މައުލޫމާތު ހާމަކޮށްފިއެވެ. މިނިސްޓްރީން މި މައުލޫމާތު ހާމަކޮށްފައިވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަގުވާމީ މުއާހަދާއަކީ “ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ” (އަންކްލޯސް) އެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ރާއްޖެއަށް ލިބިދޭ ހައްގުތަކާއި އިހުތިޔާރުތައް ބަޔާންކުރާ ގާނޫނަކީ “ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު” ކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
އެ ގާނޫނުގައި ބަޔާންކުރާ ގޮތުން، ރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، އެ ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، އެ ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަނެވެ. މީގެ އިތުރުން “ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން” (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން، ގައުމެއްގެ ސަރަހައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަހައްދަކީ އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަހައްދެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ސަރަހައްދީ ކަނޑަށްވުރެ ބޭރުގެ ވައިގެ ސަރަހައްދަކީ އިންޓަނޭޝަނަލް އެއާސްޕޭސް ކަމަށެވެ. އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) ހިމެނޭ ސަރަހައްދުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭންޖެހޭއިރު، މި ސަރަހައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދިނުމެވެ.
އިންޓަނޭޝަނަލް އެއާސްޕޭސްގެ ތެރޭގައި ހިމެނޭ އެފްއައިއާރް ސަރަހައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން އެފަދަ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް، މޮނިޓާކުރަމުންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

