ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ވަޑައިގަތުމާއެކު، އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ފުވައްމުލަކު ސިޓީއާއި ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެ ސިޓީތަކުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިރޭގެ ވަގުތެއްގައެވެ.
އައްޑޫ ސިޓީން ފަސްޓްލޭޑީއަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓް ސަރަޙައްދަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައިވެއެވެ. އެކަމަނާ ވަނީ އެ ސަރަޙައްދަށް އެއްވެ ތިބި ރައްޔިތުންނާ ބައްދަލުކުރައްވައި، ސަލާމް ކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ބާބެކިއުއެއްގައި ވެސް ފަސްޓްލޭޑީ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ ކުރިން ފުވައްމުލަކު ސިޓީއާއި ތިނަދޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އެކަމަނާ ވަނީ ދޮރުން ދޮރަށް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މޭޔަރު ކަމަށާއި، ކައުންސިލް މެންބަރުކަމުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އެކި ގެތަކަށް ޒިޔާރަތްކުރައްވާފައިވެއެވެ.
މީގެ އިތުރުން، އެކަމަނާ ވަނީ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ވަކިވަކިން ބައްދަލުކުރައްވައި، ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

