ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ޓްރެފިކް ފްލޯއަށް މިއަދުން ފެށިގެން ބައެއް ބަދަލުތައް ގެނެސްފި ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ މި ބަދަލަކީ ވީއައިއޭގެ ޓާމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން، ޓާމިނަލް 2 ގެ ކުރިމަތިން އޮންނަ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި އިންތިޒާމުގެ ދަށުން ޓާމިނަލް 2 ގެ އެރައިވަލް ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދު ޚާއްސަ ކުރެވިފައިވަނީ ފަސިންޖަރުން ބޭލުމަށެވެ. މި ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ ގޮތަށް ސްލޮޓްތައް ފާހަގަކޮށްފައި ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
މީގެ އިތުރުން، ޓާމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދު ޚާއްސަ ކޮށްފައިވަނީ ފަސިންޖަރުން ޓެކްސީއަށް އެރުވުމަށެވެ. މި ސަރަހައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ވަނީ ފާހަގަކުރެވިފައެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ، މި ގެނެވުނު ބަދަލަށް އާންމުން އަހުލުވެރިކުރުވުމަށާއި ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

